ކުޅިވަރު

ރެކޯރޑް އަގުތަކާއެކު ޓްރާންސްފަރއަށް އަދިވެސް ނިމުމެއް ނެތް


ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނޭމާ ބަސެލޯނާ ދޫކޮށް، ޕީ.އެސް.ޖީއަށް ބަދަލުވެފައި މިވަނީ މީގެކުރިން އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ޓްރާންސްފަރ ފީއަށްވުރެ ދެގުނައަށްވުރެވެސް ބޮޑު އަގެއްގައެވެ. މީގެއިތުރުން މިފަހަރުގެ ޓްރާންސްފަރ ޕީރިއަޑް ވެގެންގޮސްފައި ވަނީ ތަފާތު ބޮޑު އަގުތަކެއް ފެނިގެންގޮސް، އަލަށް ކްލަބެއްގެ ރެކޯޑް ޓްރާންސްފަރތަކެއްވެސް ފެނިގެންގޮސްފައިވާ ޓްރާންސްފަރ ޕީރިއަޑަކަށެވެ. އެހެންނަމަވެސް އަދިވެސް ޓްރާންސްފަރގެ ވާހަކަތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ. ޓްރާންސްފަރ ޕީރިއަޑް ބަންދުވާން އަދިވެސް ފަނަރަ ދުވަސް ބާކީ އެބައޮތެވެ. ޔޫރަޕްގެ ޓްރާންސްފަރ ޕީރިއަޑް ބަންދުވާނީ މިހިނގާ އޮގަސްޓް މަސް ނިމުމުންނެވެ.

ބާކީ އަދިވެސް ފަނަރަ ދުވަސް އޮތްއިރު، މިހާރުވެސް ޓްރާންސްފަރތަކުގައި އަގުތައް ބޮޑުވުމުގެ އިތުރުން ކްލަބް ތަކުން މިވަނީ މީގެކުރިން ނުފެންނަހާ ބޮޑު ހޭދަތަކެއް ކުރަން ފަށާފައެވެ.

ފްރާންސްގެ ޕީ.އެސް.ޖީއިން ދުނިޔޭގެ ރެކޯޑް މުގުރާލިނަމަވެސް މައިގަނޑު ގޮތެއްގައި އަގުބޮޑު ޓްރާންސްފަރތައް ނިންމަމުން މިދަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް ތަކުންނެވެ. އެގޮތުން މެންޗެސްޓަރ ޔުނައިޓެޑާއި، މެންޗެސްޓަރ ސިޓީއިން ޕްރިމިއަރ ލީގުގެ ޓްރާންސްފަރތަކުގެ ކުރީގައި އުޅޭއިރު ވާދަވެރި ޗެލްސީންވެސް ވަނީ ސަތޭކަ އެތައް މިލިއަނެއް މިހާރުވެސް ހޭދަކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޗެލްސީން އިތުރު ސަތޭކަ ފަންސާސް މިލިއަން ޔޫރޯ ކުޅުންތެރިން ހޯދުމަށް ހޭދަކުރާނެ ކަމަށް ބެލެވެއެވެ.

އާސެނަލް އާއި ލިވަޕޫލްއިންވެސް ވަނީ މިފަހަރުގެ ޓްރާންސްފަރ ޕީރިއަޑްގެ ތެރޭގައި މިދެ ކްލަބްގެ ޓްރާންސްފަރ ރެކޯޑްތައް މުގުރާލާފައެވެ. އެއީ އާސެނަލްއިން ފްރާންސްގެ ތަރި ލަކެޒެޓް އާއި ލިވަޕޫލްއިން ރޯމާގެ މިސްރު ފޯވާޑް މުހައްމަދު ސަލާޙް ހޯދުމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ބޮޑެތި ކްލަބްތަކުގެ ތެރެއިން މިހާތަނަށް އަދި ހޭދައެއް ކޮށްފައި ނުވާ ހަމައެކަނި ކްލަބަކީ މިދިޔަ ސީޒަން ލީގުގެ ދެވަނާގައި ނިންމާލި ޓޮޓްނަމެވެ.

އެޓީމަށް ކުޅުންތެރިއެއް ގެނަސްފައިނުވާއިރު، ސިޓީން ވަނީ އެޓީމްގެ ޑިފެންޑަރ ކައިލް ވޯކަރ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ގަނެފައެވެ.

ޕްރިމިއަރ ލީގުގެ އެހެން ކްލަބްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަމުންދާ އެއް ޓީމަކީ އެވަޓަންއެވެ. މިފަހަރުގެ ޓްރާންސްފަރ ޕީރިއަޑްގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެކްލަބްގެ ޓްރާންސްފަރ ރެކޯޑް އާކޮށްފައިވާއިރު އެވަޓަންއިން މިހާރު ދަނީ ސްވަންސީގެ ސިގާޑްސަން ފަންސާސް މިލިއަން ޕައުންޑަށް ގަނެ މިރެކޯޑް ތިން ވަނަ ފަހަރަށް އާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕްރިމިއަރ ލީގުގެ ކްލަބް ތަކަށްފަހު ދެން އެންމެ ފާހަގަކޮށްލެވޭ އެއް ކްލަބަކީ އިޓަލީގެ އޭ.ސީ މިލާނެވެ. އާ އޯނަރުންގެ ބެލުމުގެ ދަށުން އޭ.ސީ މިލާނުން ވަނީ މިފަހަރުގެ ޓްރާންސްފަރ ޕީރިއަޑްގެ ތެރޭގައި މުޅި ޓީމު ކަހަލަ ގޮތަކަށް އާކޮށްލާފައެވެ. މީގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ އިޓަލީގައި މިހާރު ހުރި އެންމެ މޮޅު ޑިފެންޑަރު އަދި ވާދަވެރި ޔުވެންޓަސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ލިއޮނާޑޯ ބޮނުއްޗީ އެކްލަބުން ހޯދުމެވެ.

ޓްރާންސްފަރ މާކެޓްގައި ކުރިއަށް މިއޮތް ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން ޗެލްސީ އާއި މެންޗެސްޓަރ ސިޓީ އަދި ޕީ.އެސް.ޖީ ފަދަ ކްލަބްތަކުން ބޮޑަތި ޚަރަދުތަކެއް ކުރުމަށް އަދިވެސް ދަނީ ތައްޔާރު ވަމުންނެވެ.

 އެހެންކަމުން މިފަހަރުގެ ޓްރާންސްފަރ ޕީރިއަޑް ނިމޭއިރު ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ އަގު ދެގުނައަށް ބޮޑުވެގެން ދިޔަ ފަދައިން، ޖުމްލަ ޓްރާންސްފަރ ތަކަށް މީގެކުރިން އެންމެ ގިނައިން ހޭދަކޮށްފައިވާ އަދަދު އިތުރުވެގެން ދިއުމަކީވެސް ދުރުކަމެއް ނޫނެވެ.