ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޤައުމީ މަހާސިންތާއެއް


ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޤައުމީ ފެންވަރުގައި ރާއްޖޭގައި ބާއްވާ، މަހާސިންތާ ފަށައިފިއެވެ. މި މަހާސިންތާ ކުރިއަށްދާނީ މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރުނބާ މޯލްޑިވްސްގައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަމާ ބެހޭފަރާތްތަކާއެކު ތަފާތު މަސައްކަތްތައްކޮށްފައިވާއިރު، މިކަމުގެ ނަތީޖާ ފެންނަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފެށި މި މަހާސިންތާއަކީ، މިގޮތުން ޔުނިސެފާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ޤައުމީ ފެންވަރެއްގައި ފަށާފައިވާ މަސައްކަތުގެ ދަށުން ބާއްވާ މަހާސިންތާއެކެވެ.

މި މަހާސިންތާ ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މި މަހާސިންތާގައި ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ދެ އަހަރުދުވަހުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަ ރިޕޯޓް ކުރާމިންވަރު އިތުރުވެފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 600 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގިނަފަހަރު މިފަދަ އަނިޔާ ލިބެމުންދަނީ މައިންބަފައިންނާއި ޢާއިލާގެ ތެރެއިން ނުވަތަ ގާތްތިމާގެ މީހުންގެ ފަރާތުން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ މައްސަލަތަކާ ގުޅިގެން ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ޢަދަދު އިތުރުވެފައިވާކަމަށެވެ. 

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބާއްވާ ޤައުމީ މަހާސިންތާގައި، ފަންސާހަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.