ސިޔާސީ

"ރައްޔިތުން ވަނީ, ރައީސް ޔާމީންގެ ސަރުކާރު ބަލައިގެންފަ"


މީގެކުރިން އޮގަސްޓް ބާރަ ތޭރާގައި ޤައުމު ހަލަބޮލި ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކުރުން މިއަހަރު ނިމުމަކަށް އައިސްފައިވާ ކަމަށާއި މިއަހަރުގެ އޮގަސްޓު ބާރަ ތޭރަ އިދިކޮޅު ފަރާތްތަކުން ފާހަގަ ނުކުރުމުން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރު މިއަދު ދިވެހި ރައްޔިތުން ބަލައިގެންފައިވާކަން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިމޭރުމުން ވާހަކަދައްކަވާފައި ވަނީ ރުމާލު ދޭއްގެ ނަމުގައި ރޭ ޕީޕީއެމްއިން ހުޅުވި ޖަގަހާގައި ވާހަކަދައްކަވަމުންނެވެ.

އިދިކޮޅު އެމްޑީޕީން އޮގަސްޓް ބާރަ ތޭރަ ފާހަގަކުރަމުންދަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2004ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހާއި 13ވަނަ ދުވަހު މެދުކެނޑުމެއް ނެތި އިހުތިޖާޖުކުރުމާއި ގުޅިގެން އޭގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް ބޮޑެތި އަނިޔާތައް ދީފައިވާކަމަށްބުނެއެވެ. މިކަމަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު ދިވެހިން ތިބީ ހޭލާ ކަމަށާ، މިއަދު ޤައުމަށް އަންނަ ތަރައްޤީ ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ. ރައީސް ޢަބްދުﷲ ޔާމީން ޤައުމަށް ގެނެސްދެއްވާ ތަރައްޤީއާއި ކުރައްވާ ޚިދުމަތުގެ އަގުވަޒަން ކުރުމަށް މިއަދު ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާ، ރައީސް ޔާމީން ފިޔަވައި ދިވެހިންގެ މުސްތަޤްބަލާއި އަދުގެ ޒުވާނުންގެ ކުރިމަގު ބިނާ ކޮށްދެއްވޭނެ ވެރިއެއް މި ދިވެހި ފަސްގަނޑުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ 2018ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާއިރު އެ އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވާނެ ބޭފުޅަކު ޚުދު އެމީހުންނަށްވެސް ނޭނގޭ ކަމަށެވެ.

ރުމާލެ ދޭއްގެ ނަމުގައި ހުޅުވި ޖަގަހާގައި ވާހަކަދައްކަވަމުން ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައީސް ޔާމީނަށް ޤައުމުގެ އެތެރެއިންނާއި ބޭރުން ފިއްތުންތައް ކުރިމަތިވެވަޑައިގަންނަވަނީ އެމަނިކުފާނު ކުރައްވާ އެންމެ ކަމަކުން ކަމަށެވެ. ނިހާން ވިދާޅުވި ގޮތުގައި އެތެރެއިންނާ ބޭރުން ރައީސް ޔާމީނަށް ފިއްތުން ކުރިމަތިވަނީ އެމަނިކުފާނު އިސްލާމްދީނުގެ ދިފާޢުގައި މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ޑިމޮކްރަސީގެ ތާޖު އަޅައިގެންތިބެ، ބޭނުންވަނީ މި ޤައުމު ފަސާދަކޮށް ދިވެހިންގެ މާތްވެގެންވާ އިސްލާމްދީން މިޤައުމުން ނައްތާލުމަށް ކަމަށް ނިހާން ތުހުމަތުކުރެއްވިއެވެ.

ޕީޕީއެމްއިން ރުމާލެ ދޭއްގެ ނަމުގައި ހުޅުވި ޖަގަހައިގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ގެންދަނީ އެޕާޓީގެ ގިނަ ޖަގަހަތައް ހުޅުވަމުންނެވެ.