ކުޅިވަރު

ރޮނަލްޑޯ 5 މެޗަށް ސަސްޕެންޑްކޮށްފި


ރިއަލްމެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނަލްޑޯ 5 މެޗަށް ސަސްޕެންޑްކޮށްފިއެވެ.

ރޮނަލްޑޯ ސަސްޕެންޑްކުރީ ސްޕެނިޝް ސުޕަރ ކަޕްގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާގެ މައްޗަށް ކުރި ހޯދި މެޗުގައި ދެއްކި ރަތްކާޑަށްފަހު މައްސަލަ އިތުރަށް ބެލުމަށްފަހުއެވެ. އެގޮތުން ރޮނަލްޑޯއަށް ފަސް މެޗުގެ ސަސްޕެންޝަނެއް އައީ ރަތްކާޑާއި ގުޅިގެން ސަސްޕެންޑްވި އެއް މެޗާއި، މެޗުގެ ރެފްރީ ކޮށްޕާލުމާ ގުޅިގެން ކުރި ހަތަރު މެޗުގެ ސަސްޕެންޝަނާއެކުއެވެ. މެޗުގައި ރޮނަލްޑޯ ރެފްރީ ފަހަތުގައި ހުރެ ކޮށްޕާލީ ރަތްކާޑް ދެއްކުމުންނެވެ. މެޗުގައި ރޮނަލްޑޯއަށް ފުރަތަމަ ރީނދޫ ކާޑް ދެއްކީ ލަނޑު ޖެހުމަށްފަހު ޖަރޒީ ބޭލުމުންނެވެ. ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދެއްކީ ޕެނަލްޓީ ހޯދުމަށް އޭރިޔާ ތެރެއަށް ޑައިވްކުރިކަމަށް ބަލާފައެވެ. 

ސަސްޕެންޝަނާ ގުޅިގެން ބުދަ ދުވަހުގެރޭ ރިއަލްގެ ދަނޑުގައި ކުޅޭ ސުޕަރކަޕްގެ ދެވަނަ ލެގުގެ މެޗުގައި ރޮނަލްޑޯއަށް ނުކުޅެވޭނެއެވެ. އަދަބު އިސްތިއުނާފް ކުރުމަށް ރޮނަލްޑޯއަށް 10 ދުވަސް ލިބޭނެއެވެ. ޗެމްޕިއަންސްލީގުގެ މެޗުތަކުގައި ކުޅެވުނު ނަމަވެސް ސްޕެއިންގެ މުބާރާތްތަކުގައި ދެން ރޮނަލްޑޯއަށް ކުޅެވޭނީ އަންނަ މަހުގެ 20 ވަނަ ދުވަހު ރިއަލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުގައެވެ.

ސަސްޕެންޝަނާއި ގުޅިގެން ރޮނަލްޑޯއަށް ގެއްލޭނެ މެޗުތައް:

- 16 އޮގަސްޓްގައި ކުޅޭ ސްޕެނިޝް ސުޕަރކަޕްގެ ދެވަނަ ލެގުގެ މެޗު ( ރިއަލްގެ ދަނޑުގައި )

- 20 އޮގަސްޓްގައި ލަލީގާގައި ދިޕޯތިވޯ ލަކަރޫނާއާ ވާދަކުރާ މެޗު ( އަވޭގައި )

- 27 އޮގަސްޓްގައި ލަލީގާގައި ވެލެންސިޔާއާ ވާދަކުރާ މެޗު ( ރިއަލްގެ ދަނޑުގައި )

- 9 ސެޕްޓެމްބަރުގައި ލަލީގާގައި ލެވަންތޭއާ ވާދަކުރާ މެޗު ( ރިއަލްގެ ދަނޑުގައި )

- 17 ސެޕްޓެމްބަރުގައި ލަލީގާގައި ރިއަލް ސޮސިއެދާދްއާ ވާދަކުރާ މެޗު ( އަވޭގައި )