ޚަބަރު

ގޮނޑިއާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަތަކުގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިމުން ބާޠިލުކުރުމަށް މުޙައްމަދު އަމީތު އަޙްމަދު މަނިކާއި، މުޙައްމަދު ވަޙީދު އިބްރާހީމާއި، ސަޢުދު ޙުސެއިނާއި، ޢަބްދުއްލަޠީފް މުޙައްމަދުގެ ފަރާތުން ހުށަހެޅި ދުސްތޫރީ 4 މައްސަލައިގެ ޝަރީޢަތް މިއަދު ވަނީ ސުޕްރީމް ކޯޓްގައި ވަކިވަކިން ކުރިއަށްގެންގޮސްފައެވެ.

މިއަދު ވަނީ މައްސަލަ ހުށައެޅުއްވި ފަރާތްތަކާއި، ދައުލަތުން ފަހުބަސްބުނުމުގެ ފުރުޞަތު ދީފައެވެ. މިމައްސަލަތައް ހުށައެޅި ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މެމްބަރުން ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެކަމަށްބުނެ ސުޕްރީމް ކޯޓުން ކުރި ޙުކުމުގެ ކުރިން އެ މެމްބަރުން ޕާޓީން ވަކިކޮށްފައި، ނުވަތަ ވަކިވެފައިވާކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމަށްފަހު، އެ މެމްބަރުން އަލުން ޕީޕީއެމުން ވަކިކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް މައްސަލަ ހުށައެޅި ފަރާތްތަކުގެ ޤާނޫނީ ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އަދި ސިޔާސީ ޕާޓީގެ ޤާނޫނާއި، ޤަވާއިދާ، ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ ދަށުން، ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކިކުރުމާއެކު، ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުމަށް ހުށައެޅުމާއެކު، ވަގުތުން ޕާޓީގެ މެމްބަރުކަމުން ވަކިވާނެކަމަށް އޮތް އޮތުމަށް ރިޢާޔަތްކޮށް، ސުޕްރީމް ކޯޓްގެ ޙުކުމުގެ ކުރިން އެމެމްބަރުން ޕީޕީއެމުން ވަކިވެފައިވާކަމަށް މައްސަލަ ހުށައެޅި ފަރާތުގެ ވަކީލުން ވަނީ ކޯޓްގައި ތަކުރާރުކޮށް ފާހަގަކޮށްފައެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު އިއްވި ޙުކުމް އޭގެ ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ތަންފީޒު ނުކުރެވޭނެކަމަށް ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ނިންމި މި ނިންމުން ބާޠިލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، އެކޮމިޝަނުން މިމައްސަލައިގައިވެސް ޢަމަލުކޮށްފައިވަނީ، ޢާންމު އުސޫލުން އެކޮމިޝަނުން ގެންގުޅޭ ސިޔާސަތުތަކާ އެއްގޮތަށްކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަސްމީގޮތުން ކަނޑައެޅޭނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވުމުންކަމަށާއި، ހަމަ އެއުސޫލުން ޕާޓީން ވަކިވިކަމަށްވެސް ކަނޑައެޅޭނީ ޕާޓީގެ ދަފްތަރުން ނަން އުނިވުމުންކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ 4 މައްސަލައިގައިވެސް، 4 މެމްބަރުން ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައިވަނީ ސުޕްރީމް ކޯޓުން ކުރި ޙުކުމަށްފަހުގައި ކަމުން، ޙުކުމުގައި ކަނޑައަޅާފައިވާ ކަންކަން މި 4 މީހުންގެ މައްޗަށް ނުހިނގަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މިމައްސަލަތަކުގެ އަޑުއެހުންތައް ނިންމާލާފައިވަނީ މައްސަލަ ހުށައެޅި ފަރާތާއި، ދައުލަތުން ދައްކަންހުރި ހުރިހާ ވާހަކަތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށްފަހުއެވެ. މިމައްސަލައިގައި ދެން އޮންނާނީ ޙުކުމް އިއްވުން. ޙުކުމް އިއްވުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލިސް ބާއްވާނެ ތާރީޚެއް އަދި ސުޕްރީމް ކޯޓުން އިޢުލާނުކޮށްފައެއްނުވެއެވެ.

މިމައްސަލަ ބައްލަވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މުޅި މަޖިލިސް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.