ޚަބަރު

ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ދިރާސާތަކެއް ހަދައިފި


ރާއްޖޭގައި ހެލިކޮޕްޓަރގެ ޙިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ހުއްދަ ދިނުމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަންގެ ޓީމަކުން ރާއްޖޭގައި ދިރާސާތަކެއް ކޮށްފިއެވެ.

މިމަހުގެ ހަޔަކުން އެގާރައަށް ކުރިއަށް ގެންދިޔަ މި ދިރާސާތަކުގެ ރިޕޯޓް ކުރިއަށް އޮތް ތިން މަސްތެރޭ ލިބޭނެ ކަމަށާއި، ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ރިޕޯޓަށް ބެލުމަށްފަހުގައި ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.

މި ދިރާސާގައި މައިގަނޑުގޮތެއްގައި ބަލާނީ އެ އެ ޙިދުމަތް ދިނުމަށް ރާއްޖެއިން ތައްޔާރުވާން ޖެހޭ މިންވަރާ، މީހުންނަށް ދޭން ޖެހޭ ތަމްރީންތަކާއި، އެކަމާއި ގުޅޭގޮތުން ރާއްޖެއަށް ބޭނުންވާ ލަފައާއި އިރުޝާދުއެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރާގޮތުގައި ރާއްޖޭގައި ހެލިކޮޕްޓަރގެ ހިދުމަތްދޭން ގިނަ އަދަދެއްގެ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކުރަމުންދެއެވެ. ދުނިޔޭގެ އެހެން ފަތުރުވެރިންގެ މަންޒިލްތަކުގައިވެސް ހެލިކަޕްޓަރގެ ހިދުމަތަކީ ޑިމާންޑު ބޮޑު ހިދުމަތެކެވެ.

ރާއްޖޭގައި މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން އާއްމު ފަރާތްތަކުން ހެލިކޮޕްޓަރގެ ޙިދުމަތްދީފައިވެއެވެ. ނަމަވެސް ނުރައްކާތެރި ދެ އެކްސިޓެންޓަކަށް ފަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުން ވަނީ ހުއްޓާލާފައެވެ. އެހެން ކަމުން ރާއްޖެއަށް ހެލިކަޕްޓަރުގެ ހިދުމަތް ތައާރަފްކުރުމުގެ ކުރިން ފުރިހަމައަށް އެކަމަށް ތައްޔާރުވުމުގެ މަސައްކަތް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދަނީ ކުރަމުންނެވެ. އެގޮތުން އެ ހިދުމަތް ރާއްޖޭގައި ދޭން ފެށުމާއި ގުޅޭގޮތުން ތިންވަނަ ފަރާތެއްގެ ރަޢުޔެއް ހޯދުމަށް އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ވަނީ ހަވާލުކޮށްފައެވެ.