ކުޅިވަރު

އިތުރު 3 އަހަރު ރިއަލްގައި މަޑުކުރަން ޒިދާން އެއްބަސްވެއްޖެ


އިތުރު ތިން އަހަރު ރިއަލްމެޑްރިޑްގައި މަޑުކުރަން ކޯޗު ޒައިނުއްދީން ޒިދާން އެއްބަސްވެއްޖެއެވެ.

 ސްޕެނިޝް ސްޕަރކަޕްގެ ވާދަވެރި މެޗު ކުރިމަތީގައި ވަނިކޮށް އާއެއްބަސްވުމަކަށް އެއްބަސްވުމަށްފަހު ޒިދާން ބުނީ ކޮންޓްރެކްޓަކާއި، ކުރާ ސޮޔަކަށްވުރެ އޭނާއާ ރިއަލްމެޑްރިޑްގެ ގުޅުން މާ ވަރުގަދަކަމަށެވެ. އޭނާ ބުނީ ރިއަލްއާއި ގުޅި މަސައްކަތްކުރުމުގެ ފުރުޞަތު ލިބޭތީ އުފާވާ ކަމަށާއި، ނަމަވެސް ކޮންޓްރެކްޓަކީ އަދި އެއްވެސް އެއްޗެއްނޫންކަމަށެވެ. 

" ރިއަލްގައި ނުހުންނަ ދުވަހެއްވެސް އަތުވެދާނެ. ނަމަވެސް ރިއަލްއާއި އަހަންނާ ދެމެދު ދެބަސްވުމަކަށް ނުދާނެކަން ޔަޤީން. ރިއަލްއާއި އަހަންނާ ދެމެދު އޮތް ގުޅުން އެއްބަސްވުމަކަށްވުރެ މާ ވަރުގަދަ " ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބުންޏެވެ.

ރިއަލްމެޑްރިޑާ ހަވާލުވެ ފުރަތަމަ އަށާރަ މަސްދުވަހުގެ ތެރޭގައި ޒިދާން ވަނީ ޗެމްޕިއަންސްލީގު ދެ ފަހަރު އަދި ސްޕެނިޝް ލަލީގާ އެއްފަހަރު ހޯދާފައެވެ. ފްރާންސްގެ ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އޭގެ ކުރިން ހުރީ ރިއަލްމެޑްރިޑްގެ ބީ ޓީމްގެ ކޯޗަކަށެވެ. 45 އަހަރުގެ ކޯޗު ވަނީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ރިއަލްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.