ކުޅިވަރު

އަލީ ނާފިއު ހެޓްރިކް، ޓީސީން ކުޑަހުވަދޫ ކޮޅަށް ހަ ލަނޑު


އަލީ ނާފިއު (ކަޅޭ) ގެ ހެޓްރިކާއެކު 6-1 ން ކުޑަހުވަދޫ ބަލިކޮށް، ޓީސީ ސްޕޯރޓްސް ކްލަބް ހިތްހަމަ ޖެހުން ހޯދައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަހަރު ކުޅުނު ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް އަތުން ބަލިވެފައިވަނިކޮށް ޓީސީން ވަނީ މިރޭގެ މެޗުގެ ފުރަތަމަ ހާފްގައިވެސް ކުޑަހުވަދޫ ކޮޅަށް ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 13 ވަނަ މިނިޓްގައި ޖެހީ އަހުމަދު ނާއިޒު (ދާދު) އެވެ. ސްޓެވާޓް ދިން ރީތި ބޯޅަ ދާދު ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަނީ އަރިމަތީ ދަނޑީގަ ޖެހިފައެވެ. އޭގެ ތިން މިނިޓް ފަހުން ދެވަނަ ލަނޑު ޖެހީ ބިދޭސީ ފޯވާޑް ސްޓެވާޓެވެ. ތިން ވަނަ ލަނޑު ޑިފެންޑަރ އަބުދުﷲ ހަނީފް (ބެންޖޯ) ބޮލުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލީ ލިބުނު ހިލޭ ޖެހުމެއް އޭރިޔާ ތެރެއަށް ހުރަސްވި ވަގުތުއެވެ. ދެވަނަ ހާފްގައި ޓީސީގެ ތިން ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ނާފިއުއެވެ. އޭނާ ލަނޑުތައް ޖެހީ 47 ވަނަ މިނިޓާއި، 59 ވަނަ މިނިޓާއި، 73 ވަނަ މިނިޓްގައެވެ. ޓީސީން ހަތަރު ލަނޑު ޖަހާފައި ވަނިކޮށް ކުޑަހުވަދޫ ޓީމްގެ ލަނޑު ޖެހީ އާދަމް ޝަހީމެވެ. 

ދެ މެޗުން ޓީސީއަށް 3 ޕޮއިންޓް ލިބިފައިވާއިރު، ކުޑަހުވަދޫ ވަނީ ދެ މެޗުންވެސް ބަލިވެފައެވެ. ޓީސީގެ ތިންވަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ނިކުންނާނީ ތިނަދޫއާ ދެކޮޅަށެވެ. ކުޑަހުވަދޫގެ ތިންވަނަ މެޗުގައި ހުކުރު ދުވަހުގެރޭ ނިކުންނާނީ އއ.މާޅޮހާ ދެކޮޅަށެވެ.