ޚަބަރު

ރައީސް ޔާމީނަށް ތާއީދުކޮށް ގިނަ ބަޔަކު ޝުއޫރު ފާޅުކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމަށް ތާޢީދުކޮށް ރާއްޖޭގެ 50 ރަށެއްގައި އެއްވަގުތެއްގައި ޙަރަކާތްތަކެއް ހިންގައިފިއެވެ.

"ތަރައްޤީއާއެކު ރައްޔިތުން" މި ޝިއާރުގެ ދަށުން، ރާއްޖޭގެ 50 ރަށެއްގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެތައްހާސް ބަޔަކު ބައިވެރިވެފައިވެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ރާއްޖެއަށް އެކިދާއިރާތަކުން ގެންނެސްދެއްވާ ތަރައްޤީ ފާހަގަކޮށް، އެތައްބަޔަކު ވަނީ ޝުޢޫރު ފާޅުކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/15025582232552.jpg|

"ތަރައްޤީއާއެކު ރައްޔިތުން" މި ޝިއާރުގެ ދަށުން، ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރުތަކާއި، އެކިރަށްރަށުގައި ޕީޕީއެމްގެ ޖަގަހަ ހުޅުވުމާއި، އެ ޕާޓީގެ ޖަލްސާތައް ބޭއްވުންފަދަ ހަރަކާތްތައް ހެމެނެއެވެ.

މާލޭގެ ތިން ސަހަރަހައްދެއްގައި މިހަރަކާތް ކުރިއަށްގެންގޮސްފައިވާއިރު، ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއްގައި މިޙަރަކާތް ކުރިއަށްގެގޮސްފައިވެއެވެ. މާލޭގައި މިހަރަކާތް ކުރިއަށްގެންގޮސްފައިވަނީ، ކާނިވާ ސަރަޙައްދުގައާއި، ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމް ހުރި ސަރަހައްދުގައެވެ.

މި ހަރަކާތްތަކުގެ ބައެއް މިރޭވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި މިއުޒިކް ޝޯތަކާއި، ޖަލްސާތައް މިރޭވެސް، ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާނެއެވެ.

img:http://s2.psmnews.mv/images/660x400/15025582370523.jpg|

މި ހަރަކާތްތަކަކީ ރައީސް ޢަބްދުﷲ ޔާމީން ޤައުމަށް ގެންނަވާ ތަރައްޤީއަށްޓަކައި، އެމަނިކުފާނާއެކު ރައްޔިތުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އެގޮތުން މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ އިދިކޮޅު ފަރާތްތަކުން ޤައުމު ހަލަބޮލި ކޮށްލުމަށް މަސައްކަތް ކުރަމުން އައިނަމަވެސް، ޤައުމުގެތަރައްޤީއަށް ލޯބިކުރާ ބަޔަކު ތިބިކަން ހާމަކޮށްދިނުންކަމަށް ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، ވެރިކަންކުރާ ޕީޕީއެމުން ބުނެއެވެ.