ޚަބަރު

ކެމިކަލްގެ އަސަރު ހުރި ބިސް އަދި ރާއްޖެއިން ފެނިފައެއް ނުވޭ!


ވިލާތުގެ ބައެއް ޤައުމުތަކުން ބާޒާރަށް ނެރެފައިވާ ކުކުޅު ބިހުގައި "ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރު ހުރިހަމަށް އެޤައުމުތަކުން ކުރި ތަހްލީލްތަކުން ހާމަވެފައިވާއިރު، ވޭތުވެދިޔަ 6 މަސްދުވަހުގެތެރޭގައި ރާއްޖެއަށް އެތެރެކުރި އެއްވެސް ބެޗެއްގެ ބިހަކުން "ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރު ފެނިފައިނުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފިއެވެ.

ވިލާތުގެ ޤައުމުތަކުގެތެރެއިން ނެދަލޭންޑް، ބެލްޖިއަމް، ޖަރުމަނު ވިލާތް، ފަރަންސޭސީ ވިލާތް މިޤައުމުތަކުން ބާޒާރަށް ނެރެފައިވާ ކުކުޅު ބިހުގައި "ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރު ހުރިހަމަށް އެޤައުމުތަކުން ކުރި ތަހްލީލްތަކުން ވަނީ ހާމަވެފައެވެ.

މިޤައުމުތަކުގެ ތެރެއިން ވޭތުވެދިޔަ 6 މަސްދުވަހުގެތެރޭގައި ރާއްޖެއަށް ބިސް އެތެރެކޮށްފައިވަނީ ނެދަލޭންޑްސް އިން އެކަނިކަމަށާ، އެޤައުމުންވެސް ރާއްޖެ އެތެރެކޮށްފައޮވަނީ މަދު ޢަދަދެއްގެ ބިސްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރެއެވެ. މިބިސްތަނުންވެސް "ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރު ކޮށްފައި ނުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

"ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރުކޮށްފައިވާ އެއްވެސް ބެޗެއްގެ ބިސް ރާއްޖެ އެރެތެކޮށްފައިވޭތޯ މިހާރުވެސް މިދަނީ ބަލަމުންކަމަށާ، ރައްޖެއަށް އެތެރެކުރާ ބިހާއި ބިހުގެ ބާވަތްތައް، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އިތުރަށް ސަމާލުކަން ދީގެން ބަލަމުންދާނެކަމަށްވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

"ފިޕްރޯނިލް" އަކީ ބުޅާ، ކުއްތާ ފަދަ ޖަނަވާރުތަކުގައި އަޅާ އުކުނުފަދަ ސޫފިތައް ނައްތާލުމަށް ބޭނުންކުރާ ކެމިކަލެކެވެ. މިކެމިކަލުން އިންސާނުންނަށް ނޭދެވޭ އަސަރުކުރެއެވެ. މިއީ އިންސާނުން ކެއުމަށް ބޭނުންކުރާ ޖަނަވާރާއި އެފަދަ ތަކެތި ގެންގުޅޭ ތަންތަނުގައި ބޭނުންކުރުން މަނާ ކެމިކަލެކެވެ.

ވިލާތުގެ 15 ގައުމަކުން، އިންސާނުންގެ ސިއްޙަތަށް ނުރައްކާވާފަދަ ވިހަ މާއްދާއެއް ހިމެނޭ ކުކުޅުބިސް ފެނިފައިވާތީ އެކަމާމެދު ވިލާތުގެ އިއްތިޙާދުން ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ވިލާތުގެ އިއްތިޙާދުގެ މަސްއޫލުވެރިއަކު ވިދާޅުވީ ވިހަ މާއްދާ އެއްކަމަށްވާ ޕިޕްރޮނިލް އެކުލެވޭ ބިސް ފެނުނު ވިލާތުގެ ޤައުމުތަކުން އެބިސްތައް ނައްތާލުމުގެ މަސައްކަތްކުރަމުން ގެންދާކަމަށާ އަދި އެމާއްދާ ބިސްތަކަށް ވާސިލްވިގޮތުގެ ތަހްގީގްތައް ފަށާފައިވާކަމަށެވެ.

ވިހަ މާއްދާ ހިމެނޭ ކުކުޅުބިސް ފެނުނު ވިލާތުގެ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، ނެދަލޭންޑްސް، ޑެންމާކް، ރުމޭނިޔާ، ބެލްޖިޔަމް ހިމެނެއެވެ.

ވިހަ މާއްދާ ހިމެނޭ އެތަށް ސަތޭކަ ޓަނުގެ ކުކުޅުބިސް އޭގެތެރެއިން ބައެއް ޤައުމުތަކުން އެކްސްޕޯޓްކޮށްފައިވާ މައްސަލަވެސް މިހާރުވަނީ ފެންމަތިވެފައެވެ. ޕިޕްރޯނިލް އެކުލެވޭ ބިސް މިހާރުވަނީ ހޮންގްކޮންގުންވެސް ފެނިފައެވެ. ނަމަވެސް އެއީ ވިލާތުން އިންޕޯޓްކޮށްފައިވާ ބިހުންކަމަށް ހޮންގްކޮންގުން ބުނެއެވެ. ޕިޕްރޯނިލް އެކުލެވޭ ބިސް އެންމެ ގިނައިން ފެނިފައިވަނީ ނެދަލޭންޑްސް އާއި ޑެންމާކުން އެކްސްޕޯޓްކުރި ބިހުންނެވެ. މިމައްސަލަ ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ބާއްވާ ބައްދަލުވުމެއް އަންނަ ސެޕްޓެމްބަރު އޮންނާނެކަމަށް ވިލާތުގެ އިއްތިޙާދުން ބުނެއެވެ.