ދީން

އަންހެނުންނަށް އިޙްތިރާމްކުރާ މުޖުތަމަޢުއެއް ބިނާކުރަންޖެހޭ!


އިޙްތިރާމް ލިބިގެންވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އަންހެނުންނަށް އިޙްތިރާމްކޮށްގެންކަމަށް އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ސާމިޔާ މިހެން ވިދާޅުވީ ޕީ.އެސް.އެމް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކޮންމެ ހުކުރުދުވަހަކު ބާއްވަމުންއަންނަ "ހުކުރު އުފާ" ފެސްޓިވަލް ގައި މިރޭ ދެއްވި ދަރުސްގައެވެ.

އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވި މި ދަރުސްގެ މަޢުޟޫޢު އަކީ "އިސްލާމް ދީނުގައި އަންހެނުންގެ މަޤާމް"އެވެ. ގިނަ ޢަދަދެއްގެ ޢާއްމުންގެ ހާޒިރުގައި ސާމިޔާ ދެއްވި ދަރުސްގައި ވިދާޅުވީ އަންހެނުންގެ ޙައްޤުގެ ވާހަކައަކީ މުޅި މުޖުތަމަޢުގެ ވާހަކައެއް ކަމަށާއި، އަންހެން ކަނބަލުންނަށް ދެވޭ އިޙްތިރާމަކީ މުޅި މުޖުތަމަޢަށް ދެވޭ އިޙްތިރާމެއްކަމަށެވެ.

ސާމިޔާ ވިދާޅުވީ ފަހަކަށް އައިސް ހުޅަނގުގެ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން އަންހެނުންގެ ޙައްޤުގެ ވާހަކަ މާބާރަށް ދައްކަމުން ދާއިރު، މީގެ 1438 އަހަރު ކުރިން އިސްލާމް ދީނުގައި ވަނީ އަންހެނުންގެ ޙައްޤު މަޤާމާއި އަންހެނުންގެ ޙައްޤުތައް އިންސާނިއްޔަތަށް ބަޔާންކޮށްދެއްވާފައި ކަން ޤަބޫލުކުރަން ޖެހޭކަމަށެވެ. ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތުން ހެކި ދައްކަވަމުން ސާމިޔާ ވިދާޅުވީ އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވާފައިވަނީ ވަރަށް މަތިވެރި ދަރަޖައެއްކަމަށެވެ.

މި ދަރުސްގައި ސާމިޔާ ވަނީ، އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ޚާއްސަ މަޤާމާއި ޤަދަރު ބަޔާންކޮށްދެއްވުމުގެ ގޮތުން ގިނަ ދަލީލް ތަކާއި މިސާލުތައް ދައްކަވާފައެވެ.

img:http://s4.psmnews.mv/images/660x400/15024797461729.jpg|ހުކުރު އުފާ ދަރުސްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މި ދަރުސް އަޑުއެއްސެވުމަށް، ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙުމަދު ޒިޔާދް އާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަޑައިގެންފައިވެއެވެ.

މިރޭގެ ދަރުސްގައި ބައިވެރިވި ފަރާތްތަކަށް ދޫކުރި ކޫޕަންތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށް އަންނަ ހުކުރު ދުވަހު އޮންނަ މި ފެސްޓިވަލްގެ ޙަރަކާތްތަކުގެ ތެރޭގައި ޚާއްޞަ އިނާމްތަކެއް ލިބިގެންދާނެއެވެ. އެގޮތުން މި މަހުގެ އެންމެ ފަހު ހުކުރުދުވަހު އޮންނަ ހުކުރު އުފާ ފެސްޓިވަލުން ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

"ހުކުރު އުފާ" އިވެންޓުގެ ތެރެއިން މިއަދު ހަވީރު ވަނީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ދިނީ މަޢުލޫމާތު ދިނުމާއި، ދީނީ ފޮތް ބެހުމުގެ ސްޓޯލްތަކާއިއެކު، ކުދިންގެ މަދަޙަ ކިޔުމާއި، ޤުރުއާން ކިޔެވުމުގެ ހުނަރު ދައްކާލުމުގެ ހަވީރެއް ބާއްވާފައެވެ.