ތަރައްްޤީ

ކޮނޑޭ ބަނދަރުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެެރޭގައި ނިމޭނެ


ގއ.ކޮނޑޭ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި މުޅި ބަނދަރު ދިހަވަރަކަށް ދުވަހުގެ ތެރޭގައި ނިންމައި ހައުސިންގ މިނިސްޓްރީއާ ޙަވާލުކުރުމުގެ މަސައްކަތް ކުރާނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ބުނެފިއެވެ.

ކޮނޑޭގައި ހަދާ ބަނދަރަކީ ދިގުމިނުގައި ތިން ސަތޭކަ ފަންސާސް ފޫޓު ހުންނަ، ދުއިސައްތަ ފަންސާސް މީޓަރު ފުޅާ ބަނދަރެކެވެ. އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ހުޝާމް ވިދާޅުވީ މިހާރު ކުރަމުން ދަނީ ބަނދަރުގެ ފައިނަލް މަސައްކަތްތައް ކަމަށާއި މަސައްކަތް ނިންމައި ރަށުން ފޭބުމަށް ކުރަންޖެހޭ އެކި އެކި މަސައްކަތްތައްވެސް މިހާރު ކުރަމުން އަންނަކަމަށެވެ.

އެގޮތުން ބަނދަރުގެ މަސައްކަތް ކުރުމަށް އަޅާފައިވާ ބެޑުގެ 50 އިންސަތަ ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމައި ހައުސިންގ މިނިސްޓްރީއާ ބަނދަރު ހަވާލުކުރުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15024503828448.jpg|ކޮނޑޭ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ / ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭނެ

ކޮނޑޭ ބަނދަރުގެ މަޝްރޫޢުއަކީ ތިރީސް ފަސް މިލިއަން ހަތްސަތޭކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. ގއ.ކޮނޑޭ ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުންނާއި ކައުންސިލްގެ އެދުމުގެ މަތިން ބަނދަރުގެ ދިގުމިނަށް 50 ފޫޓު އިތުރުކޮށްދީފައިވާކަމަށެވެ. އަދި ބަނދަރެއް އޮތުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމާއި، ކޮނޑޭ ބަނދަރަކީ ޖާގައިގެ ގޮތުން ތަނަވަސް، އޮޑިފަހަރު އަޅާފައި ބޭއްވުމަށް ފަސޭހަ ބަނދަރެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮނޑޭގައި މިހާރު އެއްހާހާއި ގާތްކުރާ އާބާދީއެއް ދިރިއުޅެމުން އަންނަކަމަށް ކަންސިލުން މައުލޫމާތުދެއެވެ. ކޮނޑޭ ބަނދަރުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ.