ޚަބަރު

އަދަބީ ޢީދު، މުލަކަތޮޅު މުލީގައި ފަށައިފި


ދިވެހިބަހުގެ އެކެޑަމީން އަތޮޅު ފެންވަރުގައި ބާއްވަމުން އަންނަ އަދަބީ ޢީދު، މުލަކަތޮޅު މުލީގައި މިއަދު ފަށައިފިއެވެ. 

މ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މުލަކަތޮޅު އަދަބީ ޢީދުގައި ބައިވެރިވެއެވެ. ދިވެހިބަހުގެ އެކެޑަމީން ސްކޫލް ދަރިވަރުންނާއި،  ޒުވާނުންނުން އަދި ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ އަދަބީ ޢީދުގެ އެންމެ ބޮޑު ބޭނުމަކީ، ދިވެހިބަހާއި އަދަބިއްޔާތާ ދިވެހިންގެ ސަޤާފަތާއި އާދަކާދައަށް ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން، ވާދަވެރި މާޙައުލެއްގައި ބައިވެރީންގެ ހުނަރުވެރިކަން ތަރައްޤީކޮށް، އެ ކަމުގެ އަގުވަޒަންކުރުމާއެކު، އިޖުތިމާޢީ ރޫޙު އާލާކުރުމެވެ. މ.އަތޮޅު ވެރިކަންކުރާ މުލީގައި ކުރިއަށްދާ އަދަބީ ޢީދު ފަށްޓަވައިދެއްވީ ދިވެހި އަދަބީ އުސްތާޒް އަބްދުﷲ ޞާދިޤްއެވެ.

img:http://s2.psmnews.mv/images/660x400/15024470038679.jpg|އަދަބީ ޢީދު ފެށުމުގެ ގޮތުން މުލީގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން / މިއީ އަތޮޅު ފެންވަރުގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތްތަކެއް

އަދަބީ ޢީދުގެ ތެރެއިން، ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން އަދަބީ ތަފާތު މުބާރާތްތަކާ، ލިޔުންތެރިކަމުގެ މުބާރާތްތަކާ، ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށް ދިނުމުގެ ކޯހަކާ، ފޮތް މަޢުރަޒަކާ، ތާރީޚާ ބެހޭ ސުވާލު މުބާރާތަކާ، އަދަބީ ޖޯޝްގެ ނަމުގައި ސްޓޭޖު ހުށަހެޅުންތަކެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވެއެވެ.

img:http://s3.psmnews.mv/images/660x400/15024470345905.jpg|އަދަބީ ޢީދު ފެށުމުގެ ގޮތުން މުލީގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން / މިއީ އަތޮޅު ފެންވަރުގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތްތަކެއް

އަދަބީ ޢީދު ފަށްޓަވައިދެއްވާ ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ޞާދިޤް ދެއްކެވި ވާހަކަފުޅުގައި ދިވެހި ބަސް ދިރުވާ ޢާލާ ކުރުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ. ޒަމާނަށް އައި ބަދަލާއެކު، ބަސް ބޭނުން ކުރުމުގެ ހަމަތައް އޮޅެމުންދާތީ ޞާދިޤްވަނީ އެކަންކަމުން މިސާލު ނަންގަވާ ރަގަޅު ގޮތްތައް ބައިވެރިންނާ ޙިއްސާކުރައްވާފައެވެ.

އަދަބީ ޖޯޝްގެ ނަމުގައި ކުރިއަށްގެންދިޔަ ސްޓޭޖް ހަރަކާތްތަކުގައި ސަޤާފީ ނެށުމާއި، ޑްރާމާ އަދި، ރައިވަރާއި، ޅެން ކިޔުމުގެ ހުނަރު ލިބިފައިތިބި އެތައް ބަޔަކު ފެނުނެވެ. މުލަކަތޮޅު އަދަބީ ޢީދާއި ގުޅުވައިގެން މުލީ ރައްޔިތުން ވަނީ އޮޑި ފަންނުގެ ނަމުގައި، ސަޤާފީ އަވަށެއް ހަދާ، ރަށް ޒީނަތްތެރިކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/15024470193202.jpg|އަދަބީ ޢީދު ފެށުމުގެ ގޮތުން މުލީގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން / މިއީ އަތޮޅު ފެންވަރުގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތްތަކެއް

މުލަކަތޮޅު އަދަބީ ޢީދުގައި މިރެއާއި މާދަމާވެސް ގިނަ ޙަރަކާތްތަކެއް ރާވާފައިވެއެވެ.