ދީން

ހުކުރު އުފާ ފެސްޓިވަލުގެ ދަށުން ބާއްވާ ދަރުސް މިރޭ އޮންނާނެ


އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު "ހުކުރު އުފާ"ގެ ނަމުގައި ބާއްވާ އިސްލާމީ ފެސްޓިވަލްގައި މިރޭ ދަރުސްދިނުމަށް ކަނޑައަޅާފައިވަނީ "އިސްލާމްދީނުގައި އަންހެނުންގެ މަޤާމް" މި މަޢުޟޫޢަށް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.  

މިފެސްޓިވަލްގެ ދަށުން ކުޑަކުދިންނަށް ޚާއްސަ ތަފާތު ޙަރަކާތްތަކާއި ދީނީ މަޢުލޫމާތު ދިނުމާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކާއެކު ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މިއަދު ހަވީރު އިސްލާމީ މަރުކަޒު މައިދާނުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ކުޑަކުދިންނަށް ޚާއްސަ ޙަރަކަތްތަށް މިއަދު އޮންނާނީ ހަވީރު ހަތަރުގަޑި ސުންމިނެޓުން ހަގަޑި ސުންމިނެޓަށެވެ.  

މީގެ އިތުރުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ބާއްވާ ޚާއްސަ ދަރުސް އޮންނާނީ މިރެއެވެ. މަޢުޟޫއަކީ "އިސްލާމްދީނުގައި އަންހެނުންގެ މަޤާމް"އެވެ. މި މަޢުޟޫއަށް ދަރުސްދެއްވަނީ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާއެވެ. 

އިސްލާމީ މަރުކަޒް މައިދާނުގައި ބާއްވާ މިދަރުސަށްފަހު ދީނީގޮތުން ޢާމުންކުރާ ސުވާލުތަކަށް ޖަވާބު ދިނުމާއި މުސްޙަފު ބެހުންވެސް ކުރިއަށްދާނެއެވެ. ހުކުރުއުފާ ފެސްޓިވަލްގެ ތެރެއިން މިސްކިތު ފަންޑަށް އެހީވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ހުކުރު އުފާ ފެސްޓިވަލަކީ ޢާއްމުރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމްދީނަށް އަހުލުވެރިކުރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ހަވީރާއި ރޭގަނޑު ކުރިއަށްގެންދާ އިސްލާމީ ފެސްޓިވަލެކެވެ.