ޚަބަރު

މާރާމާރީތައް ހުއްޓުވުމަށް ޤައުމީ ފެންވަރުގެ މަސައްކަތްތަކެއް


މާރާމާރީއާއި ގޭންގް ކުށްތައް ހުއްޓުވުމަށް ހިއުމަންރައިޓްސް ކޮމިޝަނުން ޤައުމީ ފެންވަރުގެ މަސައްކަތްތަކެއް ފަށައިފިއެވެ.

 އެޗް.އާރ.ސީ.އެމުން ބުނީ މުޖުތަމައުގައި ހިންގަމުންދާ ގޭންގް ކުށްތަކާއި މާރާމާރީ ހުއްޓުވުމަށް، އެކޮމިޝަނުން އިސްނަގައިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާކަމަށާއި، މިކަމާގުޅޭގޮހުން ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށެވެ. އަދި މިފަދަ ސިލްސިލާ ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.

މި ބައްދަލުވުންތަކުގެ މަޤްސަދަކީ، މުޖުތަމަޢުގައި ހިނގަމުންދާ މާރާމާރީއާއި ގޭންގް ކުށްތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކަމާބެހޭ މުޢައްސަސާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް، މި ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަގުފަހިކުރުމާއި، ކަމާބެހޭ މުޢައްސަސާތައް ގުޅިގެން މިކަންކަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، ނިންމާ ނިންމުންތައް ތަންފީޒްކުރުމަށް ބާރުއެޅުމާއި، މުޢައްސަސާތައް ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހި ކުރުންކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތުދެއެވެ.

އެގޮތުން މިއަދުގެ ބައްދަލުވުމުގައި އެޗް.އާރ.ސީ.އެމުންވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްއާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިތުރުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބޭފުޅުންނާ މަޝްވަރާކޮށްފައެވެ.