ޚަބަރު

ނަދީމްގެ މަރާ ގުޅިގެން ގެއެއް ބަލާފާސްކޮށް މީހަކު ހައްޔަރުކޮށްފި


މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ، މާލޭގެ ކެފޭއެއްގެ ތެރެއަށް މޫނު ނިވާކޮށްގެންތިބި ބަޔަކު ވަދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ.

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި މައްސަލައާ ގުޅިގެން ގަލޮޅު ޖެލީފިޝްގެ ބަލާ ފާސްކުރުމަށްފަހުގައެވެ. އެގެއިން ބައެއް ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި މީހާގެ އިތުރުން އެ ގެއިން، އެހެން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެހެން މައްސަލައެއްގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެއެވެ.

ހއ. ތަކަންދޫ، އިބްރާހިމީހިޔާ، އުމުރުން ތޭވީސް އަހަރުގެ ނަދީމް އަބްދުއްރަޙްމާނަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެރޭ ތޫނު އެއްޗަކުން ދިން ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.

ފުލުހުން ވަނީ މިދިޔަ މަހުގެ އެއްތިރީސް ވަނަ ދުވަހު ލިޓަސް ގަރާޖު ތެރޭގައި ހުރި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ތުހުމަތުގައިވެސް ބަޔަކު ހައްޔަރުކޮށްފައެވެ. މާލޭގައި ފަހަކަށް އައިސް ހިންގާފައިވާ މާރާމާރިތަކާއި ގުޅިގެން ފުލުހުން އަންނަނީ މާލޭގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ.