ވިޔަފާރި

"ކޮއިން ވެންޑިންގ މެޝިން"ގެ ޙިދުމަތް ދޭން ފަށައިފި


ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ވަކި ލާރި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، "ކޮއިން ވެންޑިންގ މެޝިން"ގެ ޙިދުމަތް އެމްއެމްއޭއިން ދޭން ފަށައިފިއެވެ. 

އެގޮތުން އެފަދަ ދެ މެޝިން އެމްއެމްއޭގައި ބަހައްޓާފައިވާ އިރު، އެ މެޝިންތައް މެދުވެރިކޮށް، އަމިއްލައަށް ވަކި ލާރި ނެގޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި އެ މެޝިންގެ ޙިދުމަތް ލިބޭނީ ހެނދުނު އަށްގަޑި ތިރީހުން ހަވީރު ހަތަރަކާ ހަމައަށް ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ. 

އެމްއެމްއޭގެ ކަރަންސީ ސެކްޝަންގެ މެނޭޖަރ އާމިނަތު ޝަހީދާ ވިދާޅުވީ ދުވާހަލެއްގެ މައްޗަށް ތިރީހަކަށް ފަރާތުން ވަކި ލާރި ހޯދުމަށް އެމްއެމްއޭއަށް އަންނަ ކަމަށެވެ. އަދި ލިބޭ ތަރުޙީބަށް ބެލުމަށްފަހު އެފަދަ އިތުރު މެޝިންތައް ގެނައުމަށް ވިސްނާފައިވާ ކަމަށް ޝަހީދާ ވިދާޅުވިއެވެ. ވަކި ލާރިއަކީ ގިނަ އަދަދަކަށް އާއްމު ރައްޔިތުން ގެންގުޅޭ އެއްޗަކަށްވުމުން، ކުރިމަގުގައި ކޮއިން ޑިޕޮސިޓް މެޝިންއެއްގެ ޚިދުމަތް ދޭން ފެށުމަށްވެސް އެމްއެމްއޭއިން ދަނީ ވިސްނަމުންނެވެ.