ޚަބަރު

ވަޙީދުގެ ބަންދަށް 4 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް ކަނޑައަޅާފައިވާ މުޙައްމަދު ވަޙީދު އިބްރާހީމްގެ ބަންދަށް 4 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައެޅިފަހުން ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ޤަވާއިދާ ޚިލާފަށް ވަތް މައްސަލައިގައި މުޙައްމަދު ވަޙީދު އިބްރާހީމްގެ ބަންދަށް މިއަދު 4 ދުވަސް އިތުރުކޮށްދީފައިވަނީ މީގެ ކުރިން އޭނާގެ ބަންދަށް އިތުރުކޮށްދިން 15 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވި މުއްދަތު މަޖިލީހުގައެވެ.

މުޙައްމަދު ވަޙީދު ކޯޓް ޢަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އޭނާ ހައްޔަރުނުކޮށް ބަހައްޓައިފިނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީއެވެ. އޭނާ ޖަލުގައި ބަހައްޓައިގެން މައްސަލަ ތަޙްޤީޤް ކުރުމަށް އިތުރު 4 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާއިރު، އޭނާގެ ފަރާތުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފްވެސް ކޮށްފައެވެ.