ޚަބަރު

11 އަހަރުގެ ކުއްޖާގެ މަރު އިތުރަށް ތަހުޤީޤްކުރަން ފަށައިފި


ނ. މާޅެންދޫގައި އިއްޔެ މަރުވި އުމުރުން 11 އަހަރުގެ ކުއްޖާ މަރުވިގޮތާއި މެދު ޝައްކުކުރެވޭތީ އިތުރަށް ތަޙްޤީޤްކުރުމަށް އެކުއްޖާގެ ހަށިގަނޑު މާލެގެނެސްފިއެވެ.

ފުލުހުން ބުނީ އެކުއްޖާގެ ހަށިގަނޑު މާލެ ގެނައީ މަރުވި ގޮތާމެދު ޝައްކުކުރެވޭތީ އިތުރަށް ޓެސްޓް ހެދުމަށްކަމަށެވެ. ފުލުހުން ބުނީ މިހާރު އެ ފިރިހެން ކުއްޖާގެ ހަށިގަނޑު އޮތީ އައިޖީއެމް ހޮސްޕިޓަލްގައިކަމަށާއި، ތަޙްޤީޤު ކުރިއަށްދާކަމަށެވެ.

މާޅެންދޫ ސްކޫލްގެ ގްރޭޑް ހައެއްގައި ކިޔަވަމުން ދިޔަ އެ ކުއްޖާ މަރުވެފައި ހުއްޓާ ފެނުނީ އިއްޔެގެ ވަގުތެއްގައެވެ. ޖެންޑަރ މިނިސްޓްރީން ބުނީ، އުމުރުން ހަ އަހަރުގެ އެ ކުއްޖާ އަމިއްލައަށް މަރުވެފައިވާކަމަށް ބުނެ އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރު ދެގަޑި ފަނަރައިގައިކަމަށެވެ.

މި ކުއްޖާގެ އެއްވެސް މައްސަލައެއް މީގެ ކުރިން އެ މިނިސްޓްރީގެ ދަށުން ހިންގާ ނ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ހުށައަޅާފައިނުވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. ފުލުހުންނާއި ޖެންޑަރ މިނިސްޓްރީގެ ޚާއްޞަ ޓީމެއް މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.