ޚަބަރު

"ސަރުކާރުގެ މެނިފެސްޓޯގެ އަސާސަކީވެސް މީހުން ބިނާކުރުން"


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ މެނިފެސްޓޯގެ އަސާސަކީވެސް މީހުން ބިނާކުރުންކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޭޝިއާ އެޗް.އާރް.ޑީ އެވޯޑްސް 2017ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގަތުމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި އެވޯޑު ލިބިވަޑައިގެންނެވީ ރާއްޖޭގެ ތަރައްޤީއާއި، ދިވެހި ރައްޔިތުންގެ ތަރައްޤީއާއި، އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނަށް ކެނޑިނޭޅި ދެއްވާ ހިތްވަރާއި އެއްބާރުލެއްވުން ފާހަގަކުރުމުގެ  ގޮތުންނެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، އިންސާނީ ވަޞީލަތް ބިނާކުރުމުގެ ލޯބި ނެތް ވެރިއެއްގެ ޤައުމީ ލޯބި އޮތުން ދުރުވާނެކަމަށެވެ.

ރައީސް ޢަބްދުﷲ ޔަމީންގެ ސަރުކާރުގެ މެނިފެސްޓޯގެ މައިގަނޑު އަސާސަކީވެސް އިންސާނީ ވަޞީލަތް ބިނާކުރެއްވުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ފާއިތުވި ތިން އަހަރު ޒަވާނުންނަކީ ޤައުމަށް ފައިދާހުރި ބަޔަކަށް ހެދުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރައްވާފައިވާކަމަށެވެ.

ރައީސް ޔާމީނަކީ ޤައުމީ ޚިދުމަތުގައިވެސް ދިގު ތާރީޚެއް އޮތް ބޭފުޅެއްކަން ފާހަގަކުރައްވާ މިނިސްޓަރ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއަށް ގެންނެވީ އިންގިލާބީ ބަދަލެއްކަމަށެވެ.

އިޤްތިޞާދާ، ޢުމްރާނީ އަދި ވަޒީފާގެ ބާޒާރަށް ތިޔާގިކަން ކުރު މުއްދަތެއްގެ ތެރޭގައި ގެންނެވި ބަދަލުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ ރާއްޖެ އިޤްތިޞާދީ ގޮތުންނާއި އިންސާނީ ވަސީލަތުގެ ދާއިރާއިން ކުރިއަށް އޮތްތަނުގައިވެސް ނަމޫނާ ޤައުމަކަށް ރައީސް ޔާމީން ހައްދަވާނެކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތު ތަފްސީލްކޮށްދެއްވާފައެވެ.