ޚަބަރު

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ލަކީ އެއަރގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޗައިނާގެ ގުއަންޒޯއާ ދެމެދުއެވެ. އަދި ހަފްތާއަކު ދެ ދަތުރު އެއަރލައިންއިން ރާއްޖެއަށް ކުރާނެ ކަމަށް އާދިލް މޫސާ ވިދާޅުވިއެވެ. ރާއްޖެއަށް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެންމެ އަވަހަށް ރާއްޖެއަށް ދަތުރުތައް ފަށާނީ ތައި އެއަރއޭޝިއާއިންއެވެ. ތައި އެއަރއޭޝިއާގެ ދަތުރުތައް މިމަހުގެ އެގާރަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ތައި އެއަރއޭޝިއާގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ބެންކޮކާދެމެދުއެވެ.

މީގެ އިތުރުން މިއަހަރުގެ ނޮވެމްބަރމަހު އެއަރ ފްރާންސްއިން ފްރާންސްގެ ޕެރިހާ ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އިޓަލީގެ އަލިޓާލިއާ އިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ އޮކްޓޯބަރުމަހުއެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، ރާއްޖެއަށް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް ދަތުރުތައް ފެށުމަށް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށާއި، އެގޮތުން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން މެދު އިރުމަތީގެ އެއަރލައިންއަކާއި އަދި އިންޑިއާގެ އެއަރލައިން އަކާއި މަޝްވަރާ ކުރެވެމުންދާ ކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ރާއްޖެއަށް ރަގަޅު ޑިމާންޑެއް އޮތުމާއި އެކު ރާއްޖެއަށް މިހާރު އޮޕަރޭޓުކުރާ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުކުރުމަށްވެސް ބޭނުންވާ ކަމަށް. އެގޮތުން އެއަރއޭޝިއާއިން ރާއްޖެއަށް މިހާރު ކުރަނީ ދުވާލަކު އެއް ދަތުރު ނަމަވެސް އަންނަ ނޮވެމްބަރ މަހުން ފެށިގެން އެއަރ އޭޝިއާއިން ރާއްޖެއާއި މެލޭޝިއާ ދެމެދު ދުވާލަކު ދެ ދަތުރުކުރުމަށް ނިންމާފައިވާ ކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.