ޚަބަރު

ލ. ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށަނީ


ލ. ފޮނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ސެޕްޓެމްބަރުމަހު ފަހުކޮޅު ފަށާނެކަމަށް އެމްއާރުޑީސީން ހާމަކޮށްފިއެވެ.  

ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިޔަށްދަނީ ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތަކެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތުގައި ތެރޭގައި މަގު އެއްވަރުކުރުމާއި، ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ހިމެނެއެވެ. 

img:http://s1.psmnews.mv/images/660x400/15022036523300.jpg|ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ވެހިކަލްތައް ފޮނަދޫގައި / ފޮޓޯ: އެމްއާރުޑީސީ

މޫސުން ގޯސްވުމުގެ ސަބަބުން މަގުހެދުމުގެ މަޝްރޫޢު މަޑުޖެހިފަވީ ނަމަވެސް މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް މި މަސައްކަތް ނިންމުމަށް އެމްއާރުޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.  

ލ. ފޮނަދޫގެ އެތެރޭގެ ނުވަ މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާނެއެވެ. ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވާ މިމަގުތަކުގައި 4.7 ކިލޯމީޓަރުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. ދައުލަތުގެ ބަޖެޓުން 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ކުރަމުންގެންދަނީ އެމްއާރުޑީސީންނެވެ. 

ރަށްރަށުގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން އެމްއާރުޑީސީން މިހާރުވެސް ގެންދަނީ ގިނަ ރަށްތަކެއްގައި މަގުހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ.