ޚަބަރު

ރައީސް ޔާމީންއަަށް އޭޝިއާ އެޗް.އާރު.ޑީ އެވޯޑް ލިބިވަޑައިގެންފި


އޭޝިއާ އެޗް.އާރު.ޑީ އެވޯޑް 2017ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންފިއެވެ. 

މިއެވޯޑް އެމަނިކުފާނަށް ލިބިވަޑައިގަތީ މިރޭ މެލޭޝިއާގެ ޕުތްރަޖާއާގެ ލެމެރިޑިއަން ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެވޯޑާ ހަވާލުވެވަޑައިގަތީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުޙައްމަދު ފަހުމީ ޙަސަންއެވެ. ރައީސް ޔާމީން ވަނީ މި އެވޯޑް ޤަބޫލުކުރައްވާ ވީޑިއޯ ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި އެމަނިކުފާނު ވަނީ މިފަދަ އެވޯޑެއް ލިބިވަޑައިގަތުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ އެވޯޑެއް އެމަނިކުފާނަށް ލިބިވަޑައިގަތުމުން ރައްޖެފަދަ ކުޑަ ޤައުމަކުން ކުރާ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ބަލައިގަންނަކަން ފާހަގަވެގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ. މި ބަޔާނުގައި އެމަނިކުފާނުވަނީ މިއީ ހަމައެކަނި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވޯޑެއް ނޫންކަމާއި، މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު އެވޯޑެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/15022034647000.jpg|އޭޝިޔާ އެޗްއާރުޑީ އެވޯޑް ދިނުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ރައީސް ޢަބްދުﷲ ޔާމީނަށް އަރުވާފައިވަނީ، އެމަނިކުފާނު  ރާއްޖެ ބިނާކުރުމަށާއި ރައްޔިތުންގެ ތަރައްޤީއާއި ޕްރޮފެޝަނަލް މީހުން ބިނާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މި އެވޯޑަށް ރައީސް ޢަބްދުﷲ ޔާމީން ހޮއްވަވާފައިވަނީ މުސްތަޤިއްލު އެވޯޑް ކޮމިޓީއަކުންނެވެ. އެވޯޑް ކޮމެޓީގެ ޗެއަރމަނަކީ ބަހްރެއިންގެ ކުރީގެ ވަޒީރެއް ކަމަށްވާ ފަހުމީ ބިން އަލީ އަލް ޖޯދާއެވެ.

މި އެވޯޑަކީ ޤައުމު ބިނާކުރުމުގައި ވަކިވަކި ފަރާތްތަކުން ކުރައްވާ ޚިދުމަތާއި މަސައްކަތުގެ އިތުރުން މުޖުތަމައުގެ ލާބަޔާ މަންފާއަށް ކުރައްވާ މަސައްކަތާއި، އެކިދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމަށް މަސައްކަތްކުރައްވާ ފަރާތްތަކަށް އެކަން ފާހަގަކުރުމުގެ ގޮތުން އަރުވާ އެވޯޑެކެވެ.

img:http://s1.psmnews.mv/images/660x400/15022020360500.jpg|އޭޝިޔާ އެޗްއާރުޑީ އެވޯޑް ދިނުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

މި އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވީ މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު ދާތޯ ސިރީ ޑރ.އަޙްމަދު ޒާހިދު ހަމީދީއެވެ. އަދި މެލޭޝިއާ ސަރުކާރުގެ އިސްވެރިންނާއި އެކި ޤައުމުތަކުން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.