ޚަބަރު

އިންސާނީ ހައްގުތަކަށް އިޙްތިރާމްކުރުމުގެ އިޤްރާރުގައި ސޮއިކޮށްފި


ވިޔަފާރިއާއި އިންސާނީ ހައްގުތަކަށް އިޙްތިރާމް ކުރާނެކަމުގެ އިޤްރާރުގައި ސަރުކާރުގެ ހަތަރު ކުންފުންޏަކުން ސޮއިކޮށްފިއެވެ. 

މި އިޤްރާރަކީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ގޮތަކަށް ވިޔަފާރި ކުންފުނިތަކުގެ އެންމެހާ މުޢާމަލާތްތައް ބައްޓަން ކުރުމަށް ބާރުއެޅުމުގެ މަޤްސަދުގައި ސޮއިކޮށްފައިވާ އިޤްރާރެކެވެ. 

އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާނެކަމުގެ އިޤްރާރުގައި ސޮއިކުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް އެޗްއާރސީއެމުން ފަށާފައިވާ ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެކެވެ. މިސްޓްރެޓެޖީއަކީ އިންސާނީ ޙައްޤުތަކަށް ހޭލުންތެރިވެފައިވާ ޒިންމާދާރު މުޖްތަމަޢުއެއް ބިނާކުރުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 'ވިޔަފާރިއާ އިންސާނީ ޙައްޤުތަކުގެ' ދާއިރާއަށް އަމާޒުކޮށްގެން އެ ކޮމިޝަނުން ކުރާ ފުރަތަމަ މަސައްކަތެވެ. މި ސްޓްރެޓެޖީގެ ދަށުން އިޤުރާރުގައި ސޮއިކުރުމުގެ އިތުރުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރި ތަކުން 'ހިއުމަން ރައިޓްސް ޕްލެޖް'ގައި ބައިވެރިވުމަށް ބާރުއެޅުން، ވިޔަފާރިއާ އިންސާނީ ޙައްޤުތަކާމެދު މީޑިއާ ހޭލުންތެރިކުރުން، ވިޔަފާރިއާ އިންސާނީ ޙައްޤުތަކާ ގުޅުން ހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުޞޫލުތަކުގެ ރިވިއު ހެދުން އަދި ވިޔަފާރިއާ އިންސާނީ ޙައްޤުތަކާ ގުޅުން ހުރި އިދާރީ އަދި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ބާރު އެޅުމުގެ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރަކާތްތަކަށް ލޮބީ ކުރުން ހިމެނެއެވެ. 

އެޗްއާރސީއެމްއާއެކު ވިޔަފާރިއާއި އިންސާނީ ހައްޤުތަކަށް އިޙްތިރާމްކުރުމުގެ އިޤްރާރުގައި ސޮއިކޮށްފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޗް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ފެނަކަ ކޯޕަރޭޝަނުންނެވެ. 

ވިޔަފާރިއާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ އިޤްރާރުގައި ސޮއިކުރެއްވުމަށްފަހު މި ކުންފުނިތަކުން ބުނީ، މިފަދަ އިޤްރާރެއްގައި ސޮއިކުރުމަކީ ކުންފުނިތަކާމެދު އޮންނަ އިތުބާރު ބޮޑުވެގެންދާކަމެއްކަމަށެވެ. އަދި މި އިޤްރާރުގައިވާ ފަދައިން ހުރިހާ ކަމެއްގައި އިންސާނީ ހައްގު ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

މި ރަސްމިއްޔާރުގައި ވާހަކަދައްކަމުން އެޗްއާރސީއެމްގެ މެމްބަރު މޫސާ އަލީ ކަލޭފާނު ވިދާޅުވީ މި ސަރައްހަދުގެ ޤައުމުތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ނުކުރާވަރަށް ރާއްޖޭގައި މި ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިއީ ސަރަހައްދީ ގޮތުން ރާއްޖެ ހޯދަމުން އަންނަ ކާމިޔާބީއެއްކަމަށެވެ.

ވިޔަފާރިއާއި އިންސާނީ ހައްޤުތަކަށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި 9 ކުންފުންޏަކުން މިހާރުވަނީ ސޮއިކޮށްފައެވެ.