ދުނިޔެ

ޓިލަރސަން ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް


އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ރަސްމީ ދަތުރުފުޅެއްގައި ތައިލޭންޑަށް ވަޑައިގެންފިއެވެ. މިއީ، 2014 ވަނަ އަހަރު ތައިލޭންޑްގެ އަސްކަރިއްޔާއިން އެ ޤައުމުގެ ވެރިކަން ވައްޓާލި ފަހުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ތައިލޭންޑަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

ޓިލަރސަން ތައިލޭންޑަށް ދަތުރުކުރައްވާފައި މިވަނީ ފިލިޕީންސްގެ މެނީލާގައި ބޭއްވި އާސިއާން ރީޖަނަލް ފޯރްމްގައި ބައިވެރިވަޑައިގަތުމަށް ފަހުގައެވެ. މި ފޯރަމްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ އުތުރު ކޮރެއާއަށް މާލީ އެހީ ދިނުމަށް ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ބާރު އަޅުއްވާފައެވެ.

ތައިލޭންޑަށް ކުރައްވާ މިދަތުރުފުޅުގައި ތައިލޭންޑްގެ ސިޔާސީ މަސްރަހާއި، އެ ޤައުމުގައި ހުރި އިންސާނީ ޙައްޤުތަކާ ބެހޭ މައްސަލަތަކާމެދު މަޝްވަރާތައް ކުރިއަށްގެންދާނެކަމަށް ޚާރިޖިއްޔާއިން ބުނެފައިވެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުގެ މި ދަތުރަކީ ތައިލޭންޑަށް ވަރަށް މުހިއްމު ދަތުރެއްކަމަށް، ތައިލޭންޑްގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބުއާސްޑީ ސަންޓިޕިޓަކަސް ވިދާޅުވިއެވެ.

އެ ގޮތުން މިދަތުރުގައި ދެ ޤައުމަށްވެސް މުހިއްމު އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްދާނެކަމަށާއި، ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

2014 ވަނަ އަހަރު ތައިލޭންޑްގެ އަސްކަރިއްޔާއިން އެ ޤައުމުގެ ވެރިކަން ވައްޓާލިފަހުން އެމެރިކާއިން ވަނި ތައިލޭންޑާއެކު ޤައިމުކޮށްފައިވާ ގުޅުން ހަނިކުރިއެވެ. އެހެންނަމަވެސް މިހާރު އެމެރިކާއިން އަނެއްކާވެސް ވަނީ ތައިލެންޑާއެކު ގުޅުން ޤާއިމުކޮށްފައެވެ.