ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ބީޗް ކްލަބް އެނބޫދޫ ފަޅުގައި ތަރައްޤީކުރަނީ!


ދުނިޔޭގެ ފެންވަރުގައި އަޅާ އެންމެ ބޮޑު އަދި ފެންވަރު ރަނގަޅު ބީޗް ކްލަބް އެނބޫދޫ ފަޅުގައި ތަރައްޤީކުރަން ހަމަޖެހިފައިވާކަމަށް ސިންގ ސްޓޭޓް ކުންފުނިން ބުނެފިއެވެ. 

އެންބޫދޫ ފަޅުގެ ފޭސް އެކެއްގައި ތަރައްޤީކުރާ ތިން ރަށުގައި ބޮޑެތި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެނބޫދޫ ފަޅު ހިއްކުމުގެ މަސައްކަތް ނިންމައި ރިސޯޓު ޕްރޮޖެކްޓްގެ ބިންގާ އަޅާފައިވަނީ ވޭތުވެދިޔަ މިދިޔަ މަހުއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަނީ ތިން ރަށެވެ. ފުރަތަމަ ފިޔަވަހި ތަރައްޤީވެގެން އަންނައިރު ރީޓެއިލް ވިޔަފާއިތަކާއި ދުނިޔޭގެ ނަންމަޝްހޫރު ރެސްޓޯރެންޓްތައް ޤާއިމު ކުރާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާތަނައް ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓެވެ. 

އެނބޫދޫފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ ބީޗް ކްލަބް ހިންގުމަށް ހަމަޖެހިފައިވަނީ ދުނިޔޭގައި ބީޗް ކްލަބް ހިންގާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްޕެއިންގެ ކުންފުންޏަކުންކަމަށް އެނބޫދޫ ޕްރޮޖެކްޓް ހިންގާ ފަރާތުން މަޢުލޫމާތުދެއެވެ. އަދި މި ޕްރޮޖެކްޓް ވެގެންދާނީ ދުނިޔޭގައި ހިންގާ ބީޗް ކްލަބްގެ އެންމެ ބޮޑު ޕްރޮޖެކްޓަށެވެ. މި ޕްރޮޖެކްޓާއިއެކު ރާއްޖެގެ ފަތުރުވެރިކަން ފުޅާވެ ބޮޑު މި އިންޑަސްޓްރީއަށް ބޮޑުކުރިއެރުމެއް އަންނާނެކަމަށް ވަނީ ބެލެވިފައެވެ. އެނބޫދޫ ފަޅުގައި ތަރައްޤީކުރާ ބީޗް ކްލަބުގައި ގިނަ ރެސްޓޯރަންޓްތަކާއި، ކުޑަކުދިންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ޤާއިމުކުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ސްޕާތަކުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. 

އެނބޫދޫ ފަޅުގައި ލަގްޒަރީފެންވަރުގެ ޔޮޓް މެރީނާއެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ. އަދި ދުނިޔޭގެ ނަންމަޝްހޫރު ބްރޭންޑްގެ ދެ ހޮޓާ ތަރައްޤީ ކުރުމަށްވެސް ހަމަޖެހިފައިވާކަމަށާއި އެކަމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށް ނިމިފައިވާކަމަށް އެނބޫދޫ ފަޅުގެ މަޝްރޫޢު ހިންގާ ފަރާތުން ބުނެއެވެ. މީގެއިތުރުން ފަނަރަސަތޭކަ ސްޓާފުންގެ ޖާގައިގެ ޢިމާރާތެއްވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެނބޫދޫ ފަޅުގެ މަސައްކަތްކުރާ ފަރާތްތަކުން ބުނީ މި މަސައްކަތް ކުރިއަށް އޮތް އެގާރަ މަސައްދުވަހާއި ބައިގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ޕްރޮޖެކްޓް ހިމެނޭ ނުވަ ރަށުގެ ތެރެއިން ބާކީ ހުރި ރަށްތަކުގެ މަސައްކަތް ދެހާސް ވިހިވަނަ އަހަރަށް ނިންމާނެކަމަށްވެސް އެ ފަރާތުން މަޢުލޫމާތުދެއެވެ. މި ޕްރޮޖެކްޓްވާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބަދަލެއް އަންނާނެ ޕްރޮޖެކްޓަކަށްކަމަށް އޭނާ ފާހަގަކުރިއެވެ. 

ނުވަ ރަށެއްގެ މައްޗައް އެކުލެވޭ އެނބޫދޫފަޅުގެ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައި ރިސޯޓު ޕްރޮޖެކްޓުގެ ބިންގާ އަޅާފައިވަނީ މިދިޔަ މަހުއެވެ. މި މަސައްކަތް ކުރާ ފަރާތުން ބުނީ އެނބޫދޫ ފަޅުގެ ޕްރޮޖެކްޓް ދުނިޔޭގައި ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އެގޮތުން ދުނިޔޭގެ މަޝްހޫރު މީޑިއާތަކާއި ޕާރޓްނަރޝިޕް ހަދައިގެން މަސައްކަތް ކުރިއަށްދާގޮތް ޑޮކިއުމަންޓް ކުރަމުން އަންނަކަމަށެވެ. 

އެނބޫދޫ ފަޅުގެ ފުރަތަމަ ފިޔަވައްސަކީ 300 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ މަޝްރޫޢެކެވެ. ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ ތިން ރަށުގައި 1300 ކޮޓަރި ހިމެނެއެވެ. އެނބޫދޫ ފަޅުގެ މުޅި މަޝްރޫޢުއަކީ އަށްސަތޭކަމ މިލިއަނަށްވުރެ ގިނަ ޑޮލަރުގެ މަޝްރޫޢުއެކެވެ.