ވިޔަފާރި

5 ރުފިޔާގެ އައު ނޫޓު މިމަހުގެތެރޭގައި ބޭނުންކުރަން ފަށާނެ


ރަންދިހަ ފަހެއް ނޫޓު ސީރީޒްގެ 5 ރުފިޔާގެ ނޫޓު މިމަހުގެތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ. 

ފަސް ރުފިޔާގެ އާ ނޫޓު ތަޢާރަފްކޮށްފައިވަނީ މިދިޔަ މޭމަހުގެ ދިހަވަނަ ދުވަހުއެވެ. އަދި މިދިޔަ މަހުގެތެރޭގައި ވަނީ 5 ރުފިޔާގެ އާ ނޫޓު ޗާޕުކޮށްގެން ރާއްޖެ ގެނެސްފައެވެ. ޕޮލިމާ ކަރުދާހުން ޗާޕްކޮށްފައިވާ ފަސް ރުފިޔާގެ އާ ނޫޓުގައިވެސް ރަންދިހަ ފަހެއްގެ ނޫޓްތަކުގައި ހުންނަ ގޮތަށް ފަހުގެ ސަލާމަތީ ފިޔަވަޅުތައް ހިމެނިފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ފަސްރުފިޔާގެ ނޫޓަކީ ރަންދިހަ ފަހެއް ސީރީޒްގެ އެންމެ ފަހު ނޫޓް. މި ސީރީޒްގައި ޖުމްލަ 7 ނޫޓު ހިމެނެއެވެ. މި 7 ނޫޓަކީވެސް ކުރިން ބޭނުންކުރަމުންދިޔަ ކަރުދާސް ނޫޓުތަކުގެ ބަދަލުގައި ނެރެފައިވާ ފެންވަރު ރަނގަޅު ޕޮލިމާ ނޫޓުތަކެކެވެ.

ރާއްޖެއަށް ކަރުދާސް ނޫޓު ތަޢާރަފްކުރީ، 1947 ވަނަ އަހަރުއެވެ. މިގޮތުން އޭރު ޗާޕް ކުރެވުނު ކަރުދާސް ނޫޓުގައި ހިމެނެނީ ބައިރުފިޔާ އާއި 1 ރުފިޔާ، 2 ރުފިޔާ، 5 ރުފިޔާ އަދި 10 ރުފިޔާ އާއި 20 ރުފިޔާއެވެ. މިނޫޓް ސީރީޒަށް 50 ރުފިޔާގެ ނޫޓާއި 100 ރުފިޔާގެ ނޫޓު އިތުރުކުރީ 1951 ގައެވެ.

ދިވެހި ފައިސާގެ އާ ނޫޓު ސީރީޒް އެމްއެމްއޭއިން ނެރުއްވީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުނު ރަންޔޫބީލާ ގުޅުވައިގެނެވެ.