ޚަބަރު

އެނބޫދޫފަޅުގެ ކުލީގެ ބޮޑުބައެއް ދައުލަތަށް ލިބިއްޖެ


އެނބޫދޫފަޅު ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ 40 މިލިއަންޑޮލަރުގެ ތެރެއިން 30 މިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެކަމަށާއި ބާކީ 10 މިލިޔަން ޑޮލަރު އަންނަ ސެޕްޓެމްބަރ މަހުގެ ކުރިން ދައުލަތަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ދައުލަތަށް އާމްދަނީ ހޯދުމަށް 10 ފަޅެއް ކުއްޔަށްދިނުމަށް ސަރުކާރުން މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އެގެ ތެރެއިން އެއްފަޅަކީ މާލޭގެ ދެކުނުން މާލެއާއި އެންމެ ކާރިޔަށް އޮންނަ އެނބޫދޫފަޅެވެ. މިފަޅުގައި ރާއްޖޭގައި މިހާތަނަށް ހިންގާ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫޢު މިހާރު ދަނީ ހިންގަމުންނެވެ. 

އެނބޫދޫފަޅުގެ މަޝްރޫޢުއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ އެ ފަޅަކީ މީގެ ކުރިން 3 މިލިޔަން ޑޮލަރަށް ކުޔައްދިނުމަށް ނިންމި ފަޅެއްކަމަށާ ނަމަވެސް މިސަރުކާރުން އެ ފަޅު ކުއްޔަށްދެނީ ދައުލަތަށް 40 މިލިއަންޑޮލަރު ލިބޭ ގޮތަށް ކަމަށެވެ. އަދި އެފައިސާގެ ބޮޑުބައެއް ދައުލަތަށް ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ދުވަހެއްދުވަހަކަށް ކުރިއަރަމުންދާއިރު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތައް ދަނީ ކުރަމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއިބެހޭ މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ތިން ކުންފުންޔަކަން އެކަނި ކުރާ އިންވެސްޓްމަންޓަށް ބެލިނަމަވެސް، އެ ކުންފުނިތަކުން ހިންގާ މަސްރޫޢުތަކުގެ ފުރަތަމަ ފިޔަވަށްސަށް އެކަނިވެސް 1.5 ބިލިއަން ޑޮލަރ ޙަރަދު ކުރާކަމަށެވެ. އަދި އެކަމުން އަންގައިދެނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ރައީސް ޔާމީން ގެންގުޅުއްވާ ތަސައްވުރު ކަމަށް ރައީސް ވިދާޅުވިއެވެ.  

ފަތުރުވެރިކަމުގެ ދާއިރާގައި މިފަހަކަށްއައިސް ކުރި އެންމެބޮޑު އެއް އިންވެސްޓްމަންޓަކީ ތައިލެންޑްގެ ސިންގ އެސްޓޭޓް ކުންފުނިން ކުރިއަށް ގެންދާ، އެނބޫދޫ ލެގޫން މަޝްރޫޢުއެވެ. މިއީ އިންޓަރގްރޭޓަޑް ލެޝަރ އެންޑް ރެކްރިއޭޝަން ޑެސްޓިނޭޝަން ރިސޯޓް ކޮންސެޕްޓްގެ މައްޗަށް ބިނާކޮށް ގިނަ ރަށްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫއުއެވެ. 

9 ރަށުގެ މައްޗަށް އެކުލެވޭ މުޅި މަޝްރޫޢަށް 800 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައި ހުންނަވާ ޕީއެސްއެމް ނިޔުސްއާއި ވާހަކަދައްކަމުން  ސިންގ އެސްޓޭޓް ކުންފުނީގެ ޗެއާރމަން ވިދާޅުވީ މިއީ ޝައުގުވެރި އިންވެސްޓްމަންޓެއްކަމަށާއި މި ކަމުގެ ފައިދާ ދިވެހިޤައުމަށް ލިބިގެންދާނެކަމަށެވެ. އަދި މިއީ އިންވެސްޓުކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްކަމަށް ސިންގ އެސްޓޭޓްގެ ޗެއާރމަން ވިދާޅުވިއެވެ.

އެނބޫދޫ ލެގޫން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ ތިން ރަށުގައި 1300 ކޮޓަރި ހިމެނޭނެއެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ނިމޭނެކަމަށް ސިންގ އެސްޓޭޓުން މައުލޫމާތުދެއެވެ.