ކުޅިވަރު

ވާދަކުރަން ޖެހޭ ޓީމްތައް މާ ވަރުގަދަ، މޮޅަކަށް އުއްމީދެއް ނެތް


އޭޝިޔަން ސީނިއަރ ވިމެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ދިވެހި ޓީމް މޮޅުވާނެކަމަށް އުއްމީދުކޮށްގެންވެސް ނުވާނެކަމަށް ކޯޗު މުޙައްމަދު ނަދީމް ބުނެފިއެވެ.

 އަންނަ ބުދަ ދުވަހު ފިލިޕީންސްގައި ފަށާ މުބާރާތަށް ފުރުމުގެ ކުރިން ނަދީމް ބުނީ މުބާރާތުގައި ރާއްޖެ ވާދަކުރަން ޖެހެނީ މާ ތަފާތު ޓީމްތަކާކަމަށެވެ. ރާއްޖޭގެ ވޮލީ މިހާރު އޮތް ލެވެލްއިން އެޓީމްތައް އަތުން މޮޅުވާނެކަމަށް ވިސްނައިގެން ނުވާނެކަމަށާއި، އެގޮތަށް ވިސްނުންވެސް ގޯސްކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ. ނަމަވެސް ނަދީމް ބުނީ ނަތީޖާތައް ރަނގަޅު ކުރެވިދާނެކަމަށާއި، ސެޓްތަކުގެ ޕޮއިންޓް އިތުރުކުރަން މަސައްކަތްކުރާނެކަމަށެވެ. މުބާރާތަށް ނެގި ޓީމަކީ ނެގެން އޮތް އެންމެ ރަނގަޅު ޓީމް ކަމަށާއި، ޓީމް އޮތީވެސް ރަނގަޅު ހާލަތެއްގައިކަމަށް ނަދީމް ބުންޏެވެ.

" އަޅުގަނޑުމެން ވާދަކުރަން މިޖެހެނީ އޭޝިޔާގެވެސް ވަރަށް ވަރުގަދަ ޓީމްތަކާ. އެހެންނަމަވެސް އަޅުގަނޑުމެންގެ ފެންވަރުވެސް، ކުޅުންތެރިންގެ ކޮމިޓްމަންޓާއި، ސަމާލުކަންވެސް މިހާރު ވަރަށް ރަނގަޅު. އެހެންވީމާ އަޅުގަނޑުމެންދާނީ ތަޖުރިބާ ހޯދާކަށްނޫން، ރަނގަޅު ފައިޓެއްދޭން، ރަނގަޅު ސްކޯއެއް ހޯދަން " މުބާރާތަށް ފުރުމުގެ ކުރިން ކޯޗު ނަދީމް ބުންޏެވެ.

ރާއްޖެއާއެކު ޕޫލް ޑީގައި ހިމެނެނީ ޗައިނީޒް ޓައިޕޭ، އިރާން އަދި ތައިލެންޑެވެ.