ޚަބަރު

މަޖިލީހަށް ފައިސާގެ ނުފޫޒު ފޯރުވުމަކީ މާބޮޑު ގެއްލުމެއް- ރައީސް


ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ، މަޖިލީހުގެ ތެރެއަށް ފައިސާގެ ނުފޫޒުވަނުމަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތަށްވުރެ ގެއްލުން ބޮޑު ނުފޫޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ހައިބަތުބޮޑު ހުރިހާ ކަމެއް ނިންމާ މަޖިލީހަށް، ކޮރަޕްޝަން ވަނުމުން އެވާހަކަ ދެކެވެން ޖެހޭކަމަށެވެ. ސްޓެލްކޯގައި އޮތް ޕީޕީއެމްގެ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ، ރައްޔިތުންގެ ކައިރިއަށްގޮސް ރައްޔިތުންގެ ހިތުގެ އިޚްލާސްތެރިކަން ހޯދައިގެން އައިސް އެކަންކަންމަތީ ޝާމިލްވެ ތިބެވެނީ ކިހާވަރަކަށްތޯ ސުވާލުކުރައްވާފައެވެ. އެކަމުގައި ނުތިބެވޭނަމަ ހެޔޮ ހިތުން ވިސްނާ ރައްޔިތުން އެފަދަ މީހުންނަށް ދެވަނަ ފުރުޞަތު ދޭނެތޯވެސް ރައީސް ސުވާލު ކުރެއްވިއެވެ. 

އިންސާނާގެ އެންމެ ބޮޑު ކަރާމަތަކީ އޭނާގެ އަބުރުކަމަށާއި، ކަތި މަގަކުން ނުހިނގުމަކީ އެމީހެއްގެ ފުރިހަމަ އިޚްތިޔާރު އޭނާއަށް އޮންކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ އެހެންމީހަކަށް އޭނަ މަގު ފުރެއްދޭނެކަމެއް ނޫންކަމަށެވެ.

އިންސާނަކު އޭނާގެ އަބުރު ރައްކާތެރިކުރުމަކީ އޭނާގެ އިޚްރިޔާރުގައި އޮންކަމެއްކަމަށް ފާހަގަކުރައްވާ، އެންމެ ވަރުގަދަ އަމާނާތް އަދާކުރެއްވުންމަތީ ދެމިތިބުމަށް، ފަސް އަހަރުގެ މުއްދަތަކަށް އަހުދެއްވެ، ކަން ކުރެއްވި ބޭފުޅުންނާ މެދު ވިސްނަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ތެރެއިން ގެއްލުނު ފައިސާގެ ޢަދަދު ބޮޑުވެދާނެކަމަށާއި، ނަމަވެސް އެ ފައިސާއަކީ ދައުލަތަށް ހޯދޭނެ ފައިސާކަމަށެވެ. އެއިން ދައުލަތަށް ލިބުނު ގެއްލުމަށްވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ މަޖިލީހުގެ ތެރެއަށް ކޮރަޕްޝަން ވަދެ އޭގެ މުޢާމަލާތް ހިނގުމަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައަށްވުރެ ގެއްލުން ބޮޑު ކަމެއް ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ބަޣަވާތެއް ގެންނަން މަސައްކަތް ކުރުމަކީ ކުރެވިގެންވާނެއްމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުންނަކީ އެހެން މީހުން ޤާނޫނަށް ތަބާކުރުވުމަށާއި ޤާނޫނުތައް ހަދާ ފާސްކުރާ ބައެއް ނަމަވެސް އެ ޤާނޫނުތަކުން އެ މެންބަރުން އިސްތިސްނާވެގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި މެންބަރުން އެމީހުންގެ ދާއިރާގެ ރައްޔިތުންގެ އިޙްތިރާމް ލިބިގަތުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މާރާމާރީ ނުހިންގޭނެކަމަށާއި، އެއީ އެއްވެސް މީހަކު ޙިމާޔަތް ހޯދަން އަދި ރައްކާތެރިކަން ލިބިގަތުމަށް ވަދެ ތިބެވޭނެ ތަންތަނެއް ނޫންކަމަށެވެ. މަޖިލީހުގެ މެންބަރުންގެ ތެރޭގައި މިކަންކަން ކުރެވޭނެނަމަ މި ތިބެވެނީ ވަރަށް ނުބައި ވިސްނުމެއްގައިކަމަށާއި މިއީ ޑިމޮކްރަސީގައިވެސް އޮންނަ ގޮތް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. މެންބަރުންގެ ތެރެއިން މިކަން ކުރެއްވި މެންބަރުން މިކަމާ ވިސްނުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ ރައްކާތެރިކަމާއެކު ކުރިއަށް ދެވޭނަމަ މާއްދީ ފައިދާ ހޯދުމަކީ ފަސޭހަ ކަމެއްކަމަށާ، ސުލޫކީ ފޭރާން ވީދިގެންދާ މިންވަރު ރަނގަޅުކުރަން ކުރެވޭ މަސައްކަތް ޙައްލު ކުރުމަކީ އުނދަގޫކަމެއްކަމަށެވެ. ކަންކަން އެންމެ ފަހު މަރުހަލާގައި ނިންމާ ބައެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި ފަނޑިޔާރުންގެ މަޖިލީހާއި ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް ހިމެނޭކަމަށާއި، މިތަންތަނުގައި ތިބޭ އިސް މީހުން ރިޝްވަތާއި ފައިސާއަށް ހުސްވެފައިތިބި ބައެއްނަމަ، ރައްޔިތުން އުޅޭނެ ހާލާމެދު ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވިއެވެ.  

އެހެންކަމުން ރައްޔިތުންގެ ކަންކަން ނިންމުމުގައި ސިޔާސީ ލިޑަރުންނަކީ ކިހާވަރެއްގެ ދައުރެއް ދޭންޖެހޭ ބައެއްތޯ ޤަބޫލުކުރަންޖެހޭކަމަށާ، އެމީހުންގެ ކުރާ ކަންތައްވެސް ރައްޔިތުންނަށް އެންގެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.