ޚަބަރު

އަނަސް މަރާލުމުގައި ބައިވެރިވި މީހުން ހައްޔަރުކޮށްފި


ލިޓަސް ގަރާޖުގައި މިދިޔަމަހުގެ 31 ވަނަ ދުވަހުގެރޭ ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ، މާރާމާރީތަކާ ގުޅިގެން ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން މިމީހުން ހައްޔަރުކުރީ މާފަންނު އަސަރީހިޔާގެއިން ކަމަށެވެ. ޖުމްލަ 12 މީހުން ހައްޔަރުކުރި އިރު، އޭގެ ތެރޭގައި އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުންގެ އިތުރުން މާލޭގައި މިފަހުން ހިންގާފައިވާ މާރާމާރީތަކާ ގުޅިގެން ހޯދަމުންދާ ބަޔަކުވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުދިންތަކެއްވެސް ހިމެނޭކަމަށެވެ.

ފުލުހުން ވިދާޅުވީ އޮޕަރޭޝަނާ ގުޅޭ ތަފްސީލު ފަހުން ހާމަކުރައްވާނެކަމަށެވެ.

މިދިޔަމަހުގެ 31 ވަނަ ދުވަހުގެރޭ އަނަސްއަށް ހަމަލާދީފައިވަނީ ގަލޮޅު ބޯޅަ ދަނޑުކައިރީގައި ހުންނަ ލިޓަސް ގަރާޖު ކައިރީގައި ހުއްޓައެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އަނަސްގެ އިތުރުން 24 އަހަރުގެ ޒުވާނަކުވެސް ވަނީ މިދިޔަމަހު ފަހުކޮޅު ހިނގި މާރާމާރީއެއްގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ.