ޚަބަރު

ބޭރުގެ ނުފޫޒާއެކު ވެރިކަމެއް ޤާއިމްކުރުމަށް ބަޔަކު ސޮއިކުރި!!


ބޭރުގެ ބަޔެއްގެ ނުފޫޒާއެކު ރާއްޖޭގައި ވެރިކަމެއް ޤާއިމުކުރުމަށް، 2013 ވަނަ އަހަރު އެގްރިމެންޓެއްގައި ސިޔާސީ ލީޑަރުން ސޮއިކުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިހާރު ދައުލަތް ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން ދައްކަވަން އުނދަގޫ ވާހަކަތަކެއްކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބޭރުގެ ބަޔެއްގެ ނުފޫޒާއެކު ރާއްޖޭގައި ވެރިކަމެއް ޤާއިމުކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ ގިނަ ވާހަކަތަކެއް ތަފްޞީލްކޮށްދެއްވާފައެވެ. 

މިއީ ޤައުމުގެ އެންމެ އިސް ވެރިއެއްގެ ހައިސިއްޔަތުން ދައްކަވަން ފަސޭހަ ވާހަކަތަކެއް ނޫންކަމަށް ވިދަޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް އާއިރު ދިވެހި ދައުލަތް އޮތީ އަނދިރިކަމާއި ބިރުވެރިކަމާއި ނާމަންކަމުގެ ތެރޭގައިކަމަށެވެ. 2013 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު  ޤާނޫނު އަސާސީގައި ބުނާ، އިންތިޚާބުކޮށްފައިވާ ރައީސަކު ހުވާކުރާނެކަމުގެ ކަށަވަރުކަމެއް އެއިރު ނެތްކަމަށެވެ. ތިން ހަތަރު ބުރަށް އިންތިޚާބު ބޭއްވިކަން ފާހަގަކުރައްވައި، އެމަހުގެ 17 ވަނަ ދުވަހު ރައީސް ހުވާކުރެއްވި ނަމަވެސް އޭގެ ކުރިން ހިނގާދިޔަ ބައެއް ކަންކަމުގެ ނުރައްކާތެރިކަން ފާހަގަކުރައްވަމުން، ބައެއް ކަންކަން ރައީސް ޙިއްސާކުރެއްވިއެވެ. ރާއްޖޭގެ ކަންކަމަށް ބޭރުގެ ޝައުޤާއި ނުފޫޒް އޮތްމިންވަރު ހާމަކުރައްވަމުން ރައީސް ވިދާޅުވީ "ޓޮއިކާ" ގެ ނަމުގައި ވަރަށް ނުރައްކާތެރި އެގްރިމަންޓެއްގައި ސިޔާސީ ޕާޓީތަކުގެ ވެރިން ސޮއިކުރައްވާފައިވާކަމަށެވެ.

އެ އެގްރީމަންޓާ ޙަވާލާދެއްވައި ރައީސް ވިދާޅުވީ 2013 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު ރާއްޖޭގައި ރައީސްކަމުގެ ހުވާކުރައްވާނެ ބޭފުޅަކު ނެތް ހިނދެއް އަތުވެއްޖެނަމަ، ޢަމަލުކުރާނެ ކަންތައްތަކަކަށް އެއްބަސްވެ، 60 ދުވަހުގެ މުއްދަތަށް އިންތިޚާބެއް ބާއްވާ ރައީސްއަކު ދެއްކުމަށް ހުރިހާ ކަމެއް ނިންމިކަމަށެވެ. އެގޮތުން އެއިރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ ހުންނެވި ފަރާތާ ރައީސުލްޖުމްހޫރިއްޔާކަން ޙަވާލުކުރަން ޖެހޭނެކަމަށް އެ އެގްރިމަންޓްގައި ބަޔަންކުރާކަމަށެވެ. އެއިރު މަޖިލީހުގެ ރައީސަކަށް ހުންނެވީ މިހާރުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދުއެވެ. ރައީސް ވިދަޅުވީ އެކަން ކުރާއިރު އެއިރުގެ ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރ މަޤާމުގައި ދެމި ތިއްބަވާނެކަމަށް އެގްރިމަންޓްގައިވާކަމަށެވެ. 

މި އެގްރިމަންޓަކީ ބޭރުގެ ނުފޫޒާއެކީ ތައްޔާރުކޮށްފައިވާ އެއްބަސްވުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިކަން އެއިރުގެ ރައީސް ޑރ. މުޙާއްމަދު ވަޙީދު ޙަސަނަށް އެނގިވަޑައިގަންވާނެކަމަށް އެމަނިކުފާނަށް ޤަބޫލުނުކުރެވޭކަމަށެވެ. ދައުލަތުގެ ފަރާތުން މިކަމުގައި އެންމެ އިސްކޮށް، އެގްރިމަންޓް ނިންމައި ސީލްޖަހައި އެ މަސައްކަތުގައި އުޅުއްވީ އެއިރުގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްކަމަށް ރައީސް ވިދާޅުވިއެވެ.

މި އެގްރިމަންޓް އެކުލަވާލުމުގައި ބޭރުގެ ވަރަށް އިސް ދެ ބޭފުޅަކާއި ރާއްޖޭ ބޭފުޅަކު އުޅުއްވިކަމށާއި، މިއީ ރާއްޖޭގެ އިސްތިޤްލާލާއި އަމިއްލަ ވެރިކަން ދޫކޮށްލާފައިވާ ކަމެއްކަމަށެވެ. މިކަން ހިނގި ދުވަސްވަރު އެމަނިކުފާނު ހުންނެވީ ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަމުގެ މަޤާމްގައި ކަމަށާއި، އެ އެގްރީމަންޓް ހިފައިގެން ބަޔަކު އެކަމާ މަޝްވަރާކުރެއްވުމަށް އެމަނިކުފާނުގެ އަރިހަށް ވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެގްރިމަންޓްގައި ސޮއިކުރުމަށް އެމަނިކުފާނު ދެކޮޅު ހެއްދެވިކަމަށާއި، އެކަން ނިމިގެން ދިޔައީ އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ ކަމަށެވެ.

"11 ނޮވެމްބަރަކީ ޤާނޫނު އަސާސީގައި އެކަމެއް ކުރަން ބުނެފައިވާ ވަގުތު. ނަމަވެސް އެދުވަހަކަށް އެކަމެއް ނުކުރެވުމަކުން އެބުނާ ސިޔާސީ ހުސްކަން އައިސްގެން ރާއްޖެ މުޅި ދުނިޔޭގެ ގެލްސީން ގެއްލިގެނެއް ނުދޭ. ދައުލަތަކީ ދެމިގެންވާ ޝަހުސެއް. ދައުލަތް އަބަދުވެސް ހިނގާނެ. ދައުލަތުގެ މަޤާމްތަކުގައި ތިބޭ މީހުން ވެކޭޓް ކުރީމަ އެ މަޤާމްތައް ހުސްވެދާނެ. އެކަމް ދައުލަތުގެ ބާރުވެރިކަމާ ދައުލަތް ހިނގާނެ. އެ ހުސްކަމެއް އައިސްދާނެކަމަށް އިންތިޒާރުކޮށްގެން މި ނުރައްކާތެރި އެގްރީމަންޓް އެކުލަވާލާ ހިސާބަށް ދިޔައީ. އަޅުގަނޑު ކައިރީ ފުރަތަމަ ނަންގަތް މި އެގްރިމަންޓްގައި ސޮއިކުރުމަށް. އަޅުގަނޑު ދެންނެވިން އަޅުގަނޑު ސޮއިނުކުރާނަމޭ. އަޅުގަނޑުމެންނަކީ ޑިމޮކްރެޓިކް ބަޔެކޭ. ކައުންސިލަށް ގެންގޮސްފައޭ ސޮއިކުރާނީ. އެއިރު ރައީސްމައުމޫން ރަށުގައި ވަޑައިގެން ނޫޅުއްވާ. ކައުންސިލާ ހިސާބަށް އެ އެގްރިމަންޓް ދިނިން. ދެން އެތަނުން އެތަނަށް ކިޔާފަ އަޅުގަނޑު ބުނިން މީގައި ސޮއި ނުކުރާނަމޭ. ޤާނޫނު އަސާސީގައި ވެރިކަން ބަދަލުވާނެގޮތް އޮންނަކަމަށް. އެހެންކަމުން ވަކި ނަތީޖާއެއް ނުކުމެދާނެކަމަށް ނުވަތަ ނުނިކުމެދާނެކަމަށް ބޭރުގެ ނުފޫޒްތަކާއެކު އަޅުގަނޑުމެން ނުޖެހޭ މިކަން ކުރާކަށެއް. އެންމެ ފަހުން މިކަން ނިމުނީ އަޅުގަނޑުމެން ނަސީބު ރަނގަޅުކަމުން." ރައީސް ވިދާޅުވިއެވެ

މިއީ ސިޔާސީ ލީޑަރުންނަށް ކަންކަމަށް ރައްޔިތުން ތަބާވާއިރު، އެ ކަންކަމާ ދޭތެރޭގައި ވިސްނަންޖެހޭ މިންވަރުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ބައެއް ލީޑަރުންނަކީ އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްކަމަށާއި، އެ އަމިއްލަ އެދުމަކީ ދައުލަތަށް އެންމެ ފައިދާވާނެ ގޮތް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.