ޚަބަރު

ޙައްޖާޖީންނަށް ޖިއްދާ އެއަރޕޯޓުގައި ފަސޭހަ އިންތިޒާމްތަކެއް


މިއަހަރު ޙައްޖަށްދާ ދިވެހިނަށް، ޖިއްދާގެ އެއަރޕޯޓުން އިމިގްރޭޝަންގެ އިންތިޒާމުތައް ފަސޭހައިން ހަމަޖެހިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖެއިން ޙައްޖައްދާ ފުރަތަމަ ގްރޫޕު، ޒައީ ގްރޫޕު ޕްރައިވެޓް ލިމިޓެޑްގެ ހައްޖާޖީންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، މީގެކުރިން ހައްޖަށްދާ މީހުންނަށް މިކަންކަމުގައި އުނދަގޫތަކެއް ދިމާވި ނަމަވެސް، އެކަންކަން މިއަހަރު ފަސޭހައިން ހަމަޖެހިގެންދާނޭގޮތަށް އިންތިޒާމުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ދިވެހި ޙައްޖާޖީން އެހެން އަހަރުތަކުގައި ތިބެނީ އެކި ދިމަދިމާލުގައި އެހެން ޤައުމުތަކުގެ ހައްޖާޖީންނާ އެކުގައިކަމަށާއި، ނަމަވެސް މިއަހަރު ދިވެހި ހައްޖާޖީން އެއްތަނެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ކުރައްވަމުންގެންދަވާ މަސައްކަތުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމެއްކަމަށެވެ.

މިއަހަރު ރާއްޖެއިން އަމީރުލްހައްޖުގެ ގޮތުގައި ދިވެހި ހައްޖާޖީންނާއެކު މައްކާއަށް ވަޑައިގަންނަވާނީ އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ. ޒައީ ގްރޫޕުގެ ހައްޖާޖީންނާ ވާހަކަދައްވަމުން އަމީރުލްހައްޖު މިނިސްޓަރ މުހައްމަދު ސައީދު ވަނީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ސައުދީ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ހައްޖުގެ ގިނަ ކަންކަން ފަހިވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ރައްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ތިން ގުރޫޕަކާ ހަވާލުކޮށްފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ފުރުމަށް ހަމަޖެހިފައިވަނީ ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ދާ މީހުންނެވެ. މި މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.