ޚަބަރު

"ބޭރުގެ ސިފައިން އަންނަން ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"


ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުން ބޭނުންވިގޮތަށް ވޯޓު ނުލިބުމުން އެހެން ޤައުމުތަކުގެ ސިފައިން އަންނަން ގޮވާލުމަކީ ރައްޔިތުން ބަލައިގަންނާނެކަމެއް ނޫންކަމަށާއި، އެ ފުރުޞަތު ނުދެއްވާނެކަމަށް މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ތާއީދުކުރާ ޒުވާނުން އިސްނަގައިގެން ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ ދިވެހި ސިފައިންކަމަށެވެ. މަޖިލީހުގައި އިދިކޮޅު ފަރާތްތައް ބޭނުންވާގޮތަށް ހަކަތާތްތައް ހިންގަން ޖާގަ ނުދިނުމުން އެހެން ޤައުމުތަކުގެ ސިފައިން އަންނަން ގޮވާލުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށެވެ. އެއްވެސް ސިޔާސީ ވެރިއަކަށް މި ދިވެހި ދައުލަތުގެ މައްޗަށް ވެރިވެގަތުމަށް ގޮވާ ނުލެވޭނެކަމަށާއި އެ ފުރުޞަތު ނުދެއްވާނެކަމަށް މޫސަ ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ދައްކަން ޖެހޭ ވާހަކައާއި ދައްކަން ނުޖެހޭ ވާހަކަ ހުންނާނެކަމަށާއި، އިދިކޮޅު ސިޔާސީ ވެރިން އެކަން ދެނެވަޑައިނުގަންނަވާކަމަށް ވިދާޅުވެ މޫސާ މަނިކު ވަނީ އިދިކޮޅު ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ދިވެހިންގެ ބަޔަކު ޕޯޗުގީޒުން ރާއްޖެ ގެނައިގޮތަށް ބޭރު ޤައުމުތަކުގެ ސިފައިން ގެންނަން މި ސަރުކާރުން ފުރުޞަތު ނުދޭނެކަމަށް ތަކުރާރުކޮށް މޫސާ މަނިކު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވަނީ ސަރުކާރުން ޒުވާނުންނަށް ކޮށްދެއްވަމުން ގެންދަވާ ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ކުރައްވާ މަސައްކަތާއި ޤައުމަށް ހަމަޖެހުން ގެނައުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.