އަހަރެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރިއައިސްވެސް ތަފާތު ދައްކާ، ޤައުމީ ކެޕްޓަން އަލީ އަޝްފާޤު (ދަގނަޑޭ) ނިއުރޭޑިއަންޓް މޮޅުކޮށްދީފިއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ޓީސީއާއި ވާދަކޮށް ނިއު މެޗު ކާމިޔާބުކުރީ އަޝްފާޤުގެ ލަނޑަކާއެކު 3-1 ންނެވެ. ދެޓީމްގެ ފަރާތުންވެސް ބަލާހިތްވާ ފަދަ ރީތި ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ހާފް ނިމުނީ ލަނޑެއް ނުޖެހިއެވެ. މެޗުގެ ފުރަތަމަ ހަމަލާ ޓީސީން ފޮނުވާލުމުން ނިއުގެ ޖަރޒީގައި މުޅިން އަލަށް ކުޅުނު ކީޕަރު މުޙައްމަދު ފައިސަލް ދިފާއުކުރިއެވެ. ފުރަތަމަ ހާފްގައި ނިއުގެ އަލީ ފާސިރު (ސެންޓޭ)އާއި އަޝްފާޤު ފޮނުވާލި ބާރު ބޯޅަ ގޯލާ އަމާޒުނުވެދިޔައީ ކިރިޔާއެވެ.
މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފްގައި ނިއުރޭޑިއަންޓްގެ ގަލާޑޯ ކާމިޔާބުކުރީ އަޝްފާޤު ތަނަވަސްކުރި ފުރުޞަތެއްގައެވެ. ނިއުގެ ލަނޑަށް މިނިޓެއް ނުވަނީސް ޓީސީގެ ބިދޭސީ ފޯވާޑް ސްޓެވާޓް ނަތީޖާ ހަމަހަމަކޮށްދިނެވެ. ނިއުއިން ދެވަނަ ފަހަރަށް ލީޑް ނެގީ ލިބުނު ހިލޭ ޖެހުން އަޝްފާޤު ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ނިއުގެ ތިންވަނަ ލަނޑު ސެންޓޭ ޖެހީ އަރިމަތިން އަރާ ޓީސީގެ ތިން ކުޅުންތެރިން ނައްޓާލުމަށްފަހު ވަދެ، ގޯލްގެ މަތީ ދާގަނޑަށް ފޮނުވާލައިގެންނެވެ. މެޗު ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް، އަޝްފާޤު ފޮނުވާލި ބޯޅަ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައީ ކުޑަތަންކޮޅެއް ބޭރުވެގެންނެވެ.
ޓީސީން އަހުމަދު ޒާދުއާއި އިތުރު ބިދޭސީ ކުޅުންތެރިއަކާއެކު މެޗު ފެށިއިރު، ނިއުއިން ވަނީ ރިލްވާން ވަހީދާއި ކީޕަރު ފައިސަލް ފުރަތަމަ އެގާރައިގަ ހިމަނާފައެވެ. މީގެއިތުރުން ބިދޭސީ ހަތަރު ކުޅުންތެރިން ކުޅެނެވެ. އަޝްފާޤު ޓީމާ ގުޅުމުން ހަމްޒާ މުޙައްމަދު (ހަމްޕު) މިރޭގެ މެޗުގައި ކުޅުނީ މެދަށެވެ.
އަޝްފާޤުގެ އިތުރުން އަލީ ފާސިރު ސެންޓޭގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ދިނީ އަޝްފާޤަށެވެ.
ލީގުގެ ތިންވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ގްރީން ސްޓްރީޓާއި މިލަންދޫއެވެ. ހަތަރުވަނަ މެޗުގައި މާދަމާރޭ ވާދަކުރާނީ ތިނަދޫއާއި މާޅޮހެވެ. މިދެމެޗުވެސް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.