ޚަބަރު

ރައީސްއަށް ޝުކުރު ދެންނެވުމަށް ޚާއްސަ ހަރާކާތެއް ބާއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީއަށްޓަކައި އެމަނިފާނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިވެހި ޒުވާނުން އިސްނަގައިގެން ޕެރަމޯޓާ ހަރަކާތެއް ބާއްވައިފިއެވެ. މިހަރަކާތަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަމަށް މި ހަރަކާތް އިންތިޒާމް ކުރި ޒުވާނުން ބުނެއެވެ.

މާފަންނު ޓްރެކް ސަރަޙައްދުގައި ޒުވާނުން އިސްނަގައިގެން ބޭއްވި ޕެރަމޯޓަރ އުދުހުމުގެ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީއާއި ޒުވާނުންނަށް ފަހިކޮށްދީފައިވާ ފުރުޞަތުތައް ބަލައިގަތުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕެރަމޯޓާ އުދުހުމުގައި ހަތް އުޅަނދެއް ބޭނުންކުރިއެވެ. މި ހަރަކާތް އިންތިޒާމްކުރި ފަރާތުން ބުނީ ޒުވާނުން އިސްނަގައިގެން ބޭއްވި ޕެރަމޯޓަރ އުދުހުމުގައި ގިނަ ޢަދަދެއްގެ ޒުވާނުން ނަންނޯޓްކޮށް ފުރުޞަތު ދެވެން އޮތް މިންވަރަކުން އެ ފުރުޞަތު ދިންކަމަށެވެ.

img:http://s4.psmnews.mv/images/660x400/15019459553118.jpg|މިއަދު ހަވީރު ބޭއްވި ޕެރަމޯޓާ ހަރަކާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް ނިއުސް

ޕެރަމޯޓާ ހަރަކާތަކީ ބުރަފައްޗެއް ހަރުކޮށްގެން ވައިކުޑައެއްގެ އެހީގައި ޕައިލެޓަކާއެކު އުދުހުމުގެ ފުރުސަތު ލިބޭ ހަރަކާތެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޕެރަމޯޓާ ހަރަކާތުގައި ބައިވެރިވި ޒުވާނުން ވަނީ އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ.

ޕެރަމޯޓާ އުދުހުމުގެ މި ހަރަކާތުގައި އެންމެ ފުރަތަމަ އުދުހުމުގެ ފުރުޞަތު ލިބުނީ ޕީއެސްއެމް ނިއުސްގެ ކެމެރާމަނަކަށެވެ.

ޕެރަމޯޓާގައި އުދުހުނީ ޕްރޮފެޝަނަލް ހަތް ޕައިލެޓުންގެ އެހީތެރިކަމާއެކުއެވެ. ޕެރަމޯޓާގައި އުދުހުނު ޕައިލެޓަކު ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ބުނީ ވައިގަދަވުމުގެ ސަބަބުން ހީކުރިވަރަށްވުރެ ޕެރަމޯޓާ އުދުހުމަށް އުނދަގޫވިކަމަށެވެ. ސަބަބަކީ ވައިގަދަވުމާއި ވިއްސާރަ ވިލާތައް އުފެދިފައި ހުރުމުންކަމަށެވެ. ނަމަވެސް މި ހަރަކާތް އެންމެން އުފާވި ހަރަކާތެއްގެ ގޮތުގައި ގެނެސްދެވުނުކަމަށް އޭނާ ބުންޏެވެ. އަދި މި ހަރަކާތް ވަރަށް ކާމިޔާބުކަން އޭނާ ފާހަގަކުރިއެވެ.

މިހަރަކާތް ބަލާލުމަށް ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން އެކުވެނި ދަނޑަށް ޖަމާވިއެވެ.