ތަރައްްޤީ

ސަތާރަ ފަރާތަކަށް މީރާގެ ރަން ލާރި އެވޯޑް ދީފި


މިދިޔަ އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި ސަތާރަ ފަރާތަކަށް މީރާގެ "ރަން ލާރި އެވޯޑް ދީފިއެވެ. މި އެވޯޑް ދީފައިވަނީ މީރާގެ ހަތްވަނަ އަހަރީދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ދޭ ރަންލާރި އެވޯޑަކީ ޓެކްސްގެ އިޖުރާތުތައް ބަރާބަރަށް ފުރިހަމަކޮށް، މީރާއަށް ގަވާއިދުން ޓެކްސް ދައްކާ ފަރާތްތަކަށް ދޭ ޚާއްސަ އެވޯޑެކެވެ. ރަން ލާރި އެވޯޑް އެގާރަ ގިންތިއަކަށް ޙާއްސަކޮށްފައިވާއިރު، ސަތާރަ ފަރާތަކަށް މި އެވޯޑް މިއަހަރު ދީފައިވެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދައުލަތައް ޓެކްސް ދައްކާ އެހެން ދާއިރާތަކުގެ ވިޔަފާރިތައް ހިމެނެއެވެ.

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ދައްކާ ފަރާތްތަކުގެ ގިންތިން އެވޯޑް ލިބިފައިވަނީ ޔުނިވާރސަލް އެންޓަޕްރައިސަސް އާއި ޓުރާންސް މޯލްޑިވްސް އެއަރވޭސް އަދި ލިލީ ހޮޓެލްސްއަށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން 150 އަށްވުރެ މަދުން އެނދު ހިމެނޭ ރިސޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން މި އެވޯޑް ހާސިލްކުރީ، ޝުވެލް ބްލޭންކް ރަންދެލި ރިސޯޓެވެ. އަދި 150 އެނދާއި 250 އެނދުގެ ކެޓަގަރީން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެވޯޑް ގެންދިޔައީ ފޯރސީޒަން މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުއެވެ. އަދި 250 އަށްވުރެ ގިނައިން އެނދު ހުރި ރިސޯޓުގެ ބައިގެ އެވޯޑު ލިބުނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްއަށެވެ.

img:http://s1.psmnews.mv/images/660x400/15019269096574.jpg|މީރާގެ ރަން ލާރި އެވޯޑް ހާސިލުކުރި ފަރާތަކަށް ނާއިބު ރައީސް އަބްދުﷲ ޖިހާދު އެވޯޑް ހަވާލުކޮށްދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ ދައްކާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން ޓްރެވަލް އެޖެންސީ ކެޓަގަރީގެ އެވޯޑު ލިބުނީ ސްޕްލެންޑެޑް އޭޝިޔާއަށެވެ. އެތެރޭގެ އުދުހުންތަކުގެ ކެޓަގަރީން މި އެވޯޑް ހާސިލްކޮށްފައިވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭޒްއިންނެވެ. މީގެ އިތުރުން، ފަތުރުވެރިންނަށް ކޭޓަރިންގެ ހިދުމަތް ދިނުމުގެ ބައިން ހުޅުލޭ އައިލެންޑް ހޮޓެލް އަދި ޓޫރިސްޓް އުޅަނދުތަކުގެ ބައިން ފޯސީޒަން އެކްސްޕްލޯރަރ ވެސް އެވޯޑް ހޯދާފައިވެއެވެ.

ގެސްޓްހައުސް ތަކުގެ ބައިން އެވޯޑް ހޯދާފައިވަނީ އޯޝަން ގްރޭންޑް ގެސްޓްހައުސްއެވެ. ބޮޑެތި ވިޔަފާރިތަކުގެ ބައިގެ އެވޯޑު ލިބުނީ ސީޖީޓީ ޕްރައިވެޓް ލިމިޓެޑްއަށެވެ. މެދު ފަންތީގެ ވިޔަފާރިތަކުގެ ބައިން އެވޯޑު ލިބުނީ އަބްދުރަހީމް ޝާކިރުއަށެވެ. ކުދި ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެވޯޑް ގެންދިޔައީ އިލާ މޯލްޑިވްސްއެވެ. ވިތު ހޯލްޑިންގްސްގެ ބައިން އެވޯޑް ހާސިލްކުރީ އުރީދޫ މޯލްޑިވްސްއެވެ. އަދި ބޭންކް ޕްރޮފިޓް ޓެކްސް އެންމެ ގިނައިން ދައްކައިގެން އެވޯޑް ހާސިލްކުރީ ބޭންކް އޮފް މޯލްޑިވްސްއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން ރަންލާރި އެވޯޑް ހާސިލްކުރީ ދިރާގުންނެވެ. މިރަސްމިއްޔާތުގައި މީރާގެ މުވައްޒަފުންގެ ތެރެއިން އެކިގޮތް ގޮތުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށްވެސް ހަނދާނީ ފިލާ ދީފައިވެއެވެ. މި ރަސްމިއްޔާތުގައި މީރާގެ މޯބައިލް އެޕްލިކޭޝަންވެސް ވަނީ ތައާރަފް ކޮށްފައެވެ. އެޕްލިކޭޝަން ތަޢާރަފްކޮށް ދެއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަދި ވިލިމާފަންނު ދައިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަހުމަދު ނިހާން ހުސެއިން މަނިކުއެވެ.