ޚަބަރު

ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޕާކުތައް ހުޅުވޭނެ- މިނިސްޓަރ


މިހާތަނަށް ތަރައްޤީ ކުރި ޕާކުތަކަށްވުރެ ގިނަ ޕާކުތަކާއި، އޯޕެން ސްޕޭސް މިއަހަރާއި އަންނަ އަހަރު ތަރައްޤީ ކުރާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ހައުސިންގ މިނިސްޓަރ ވިދާޅުވީ ޕާކުތަކުގެ އިތުރުން ހަނިގޯޅިތަކަށް ދުއްވާ އެއްޗިހި ނުވަދެވޭ ގޮތަށް ހެދުމަކީވެސް ނުކުމެލާ އުޅޭވޭނެ ހުސްޖާގަ އިތުރުކުރުމަށް ކުރާ މުހިންމު މަސައްކަތެއްކަމަށެވެ. ތޮށްޖެހުން ބޮޑު މާލޭގައި ހުސްޖާގަ ތަނަވަސް ކުރުމަށްޓަކައި މި ސަރުކާރުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތަކާއި ހިތްފަސޭހަ މައިޒާންތައް ތަރައްޤީކުރަމުންނެވެ. އެގޮތުން އަލަށް ޕާކުތަކާއި ހިތްފަސޭހަ މައިޒާންތައް ތަރައްޤީކުރުމުގެ އިތުރުން ކުރިން އަޅާނުލެވި ބޭނުންނުކޮށް ހުރި މިފަދަ ތަންތަން އަލުން ތަރައްޤީ ކުރުން ހިމެނެއެވެ. އެގޮތުން ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ނުވަ ޕާކާއި، 6 ގޯޅި ދުއްވާ އުޅަނދައް ނުވަދެވޭގޮތަށް، ހަމައެކަނި ހިނގާ އުޅޭ ގޯތިތަކަށް ބަދަލުކޮށްފައެވެ. މިކަމާއިގުޅޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މަގުތަކަށް ގެނައި ބަދަލުތަކަކީ ކުޑަކުދިންނަށް ގެއިން ބޭރަށް ނުކުމެ އުޅުމުގައި ހިތްފަސޭހަ، އަމާން، ޓްރެފިކްގެ ނުރައްކާ ކުޑަ މަގުތަކެއް ތަނަވަސްކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި މާލޭގައި އިތުރު ޕާކުތައް ތަރައްޤީކުރުމުގެ ޕްލޭންތައް ހަދަމުން އަންނަކަމަށާއި، ވޭތުވެދިޔަ ތިން އަހަރު ތަރައްޤީ ކުރި ޕާކުތަކަށްވުރެ ގިނަ ޕާކުތައް މިއަހަރުގެ ނުނިމިއޮތް ތަނާއި، އަންނަ އަހަރުގައި ތަރައްޤީކުރާނެކަމަށެވެ. އަދި މާލޭގައި ޕާކުތައް ތަރައްޤީ ކުރެވޭ ގޮތަށްހުރި ބިންތައް ހުސްކޮށް ތަރައްޤީ ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ ރަސްފަންނެކޭ އެއްގޮތަށް މާލޭގެ އިރުމަތީފަރާތް ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށެވެ. އެގޮތުން އަރޓިފިޝަލް ބީޗާއި ކާނިވާ ސަރަހައްދު ތަރައްޤީ ކުރުމަށް ޕްލޭންތައް ހަދަމުންދާކަމަށާއި، ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތް ދެއަހަރެއްގެ ތެރޭގައި ނިންމައި އާއްމުންނަށް ހުޅުވާލާނެކަމަށެވެ.

އަދި އަލިކިލޭގެފާނު މަގުގައި ހުންނަ ސިޓީޕާކުގައި ތަރައްޤީކޮށްފައިވާ ލެޑް ޕާކް ހައުސިންގ މިނިސްޓްރީގެ ބެލުމުގެދަށައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށާއި އިތުރު ޕްލޭންތަކާއިއެކު އެ ޕާކުވެސް ތަރައްޤީކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.