ޚަބަރު

ޕެރަމޯޓާ ހަރަކާތް މިއަދު ހަވީރު އޮންނާނެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޤައުމަށް ގެނެސްދެއްވާ ތަރައްޤީއާއި، ދިރިއުޅުމަށް ގެނެސްދެއްވި ފަސޭހަތައް ބަލައިގަތުމުގެ ގޮތުން އެމަނިކުފާނުގެ ސަޕޯޓަރުން އިންތިޒާމުކޮށްގެން ބާއްވާ ޕެރަމޯޓާ ހަރަކާތެއް މިއަދު ހަވީރު އޮންނާނެއެވެ. 

މި ހަރަކާތް އޮންނާނީ މިއަދު ހަވީރު ހަތަރަކުން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ޓުރެކް ދަނޑު ހިމެނޭ ސަރަހައްދުގައިކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. ޕެރަމޯޓާއަކީ ފަހަތުގައި ބުރަފައްޗެއް ހަރުކޮށްގެން ޕައިލެޓަކާއިއެކު އުދުހުމުގެ ފުރުސަތު ލިބޭ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމުން ބައިވެރިވެވޭނެއެވެ. ހިލޭ ބައިވެރިވެވޭ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް މާލެ މަތިން ދިހަ މިނެޓު އުދުހުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިންތިޒާމް ކުރާފަރާތުން ބުނެއެވެ. މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތްތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ޔާމީންގެ ކެންޕެއިން ޓީމުން ބުނެއެވެ.