ކުޅިވަރު

ޒޯން އެކެއްގެ ޗެމްޕިއަންކަން ކޮއްދިއްޕަރު ހޯދައިފި


އަށާރަވަނަ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ގްރޭންޑް ޕާރކް ކޮއްދިއްޕަރު ހޯދައިފިއެވެ. 

ކޮއްދިއްޕަރު ޗެމްޕިއަންކަން ހޯދީ ބަނޑޮސް އައިލެންޑް ރިސޯރޓްގައި، ބަނޑޮހާއި ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ނަމަވެސް ޖެހިގެން އައި ދެސެޓް ޤައުމީ ޓީމްގެ ދެ ކުޅުންތެރިން ހިމެނޭ ކޮއްދިއްޕަރު ކާމިޔާބުކުރީ ފަސޭހަކަމާއެކުއެވެ. ކޮއްދިއްޕަރު މެޗުގެ ސެޓްތައް ގެންދިޔައީ 28-26، 25-17 އަދި 25-21 ނެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކޮއްދިއްޕަރުގެ އާދަމް ނަސީމެވެ. މުބާރާތުގެ އެންމެ މޮޅު އައުޓްސައިޓް އެޓޭކަރަކީވެސް އޭނާއެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ބަނޑޮހަށް ކުޅެމުން އަންނަ ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ފަލާހުއެވެ. ބެސްޓް މިޑްލް ޕްލޭޔަރަކީ ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ބަނޑޮހުގެ ހުސެއިން ސައީދެވެ. ސެކަންޑް ބެސްޓް މިޑްލް ޕްލޭޔަރަކީ ރީތިރަށުގެ ހުސެއިން ޔޫސުފްއެވެ. އެންމެ މޮޅު ސެޓަރަކީ ޤައުމީ ޓީމްގެ ސެޓަރ ޝެރަޓަންގެ ހުސެއިން ވިޝާމްއެވެ. ބެސްޓް އޮޕޮސިޓް ޕްލޭޔަރަކީ ޝެރަޓަންއަށް ކުޅޭ ޤައުމީ ޓީމްގެ އަހުމަދު އަބުދުލްކަރީމެވެ. އެންމެ މޮޅު ލިބެރޯއަކީ ކޮއްދިއްޕަރުގެ އަހުމަދު ހުސެއިންއެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ބަނޑޮހުގެ މުޙައްމަދު ރަމީޒެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ބަނޑޮހުގެ އަލީ ވަހީދެވެ. އެންމެ މޮޅު ކޯޗަކީ ކޮއްދިއްޕަރުގެ ހާލިދު މުޙައްމަދެވެ. މުބާރާތުގެ ތިންވަނަ ޓީމަކީ ޝެރަޓަން މޯލްޑިވްސްއެވެ.