ޚަބަރު

މަޖިލިސް ހުއްޓުވުމުގެ ފުރުޞަތެއް ނުދޭނަން - މޫސާ މަނިކު


ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު މޭޒު ވަށާލައިގެން މަޖިލިސް ހުއްޓުވުމުގެ އެއްވެސް ފުރުޞަތެއް ދެން އެއްވެސް މެންބަރަކަށް ކުރިއަށް އޮތްތަނުގައި ނުދެއްވާނެކަމަށް މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ހުއްޓުވާ ޖަލްސާ ކުރިއަށް ނުގެންދެވޭނެގޮތަށް މަޖިލިސް ޙިޞާރުކުރުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތް ހުއްޓުވައި، އެކަން ވަރަށް އަވަހަށް ޙައްލުކުރައްވާނެކަމަށެވެ. މަޖިލީހުގެ ޤަވާޢިދަށް ބަދަލުގެންނަވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން، މޫސާ މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިހާރު ފެންނަނީ އެއްމެންބަރަކު އަނެއް މެންބަރަކަށް އެއްވެސް އިޙްތިރާމެއް ނުކުރާ މަންޒަރުކަމަށެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުން ދުންމާރިއާއި ތާޅަފިލި ތަޅުމަށް ވައްދައިގެން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުން ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ މަޖިލީހުގެ ޤަވާޢިދަށް ބަދަލުގެންނަވައި ތަޅުމަށް އެފަދަ ތަކެއްތި ނުވެއްދޭނެގޮތަށް ޤަވާޢިދު އިޞްލާޙްކޮށްފައެވެ. މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ މެންބަރަކަށް ވީތީ އިޙްތިރާމް އޮންނަންވާނެކަމަށާއި، ނަމަވެސް ފެނިގެންދަނީ އެ މެންބަރަކު ބޭނުންވާ ގޮތަށް ކަންކަން ނުވުމުން، މަޖިލީހުގެ ކަރާމާތް ނަގާލައި، މަޖިލީހުގެ ރައްކާތެރިކަން ނަގާލާ މަންޒަރުކަމަށެވެ. 

މޫސާ މަނިކު ވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނަށްވެސް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ޑިމޮކްރަސީ އެބޭފުޅުންކަމަށް ވިދާޅުވާއިރު، އެއިން އެއްވެސް ލީޑަރަކީ ޤާނޫނު އަސާސީއަށް ވޯޓު ދެއްވި ބޭފުޅުން ނޫންކަމަށެވެ.

އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރިޔާސަތަށް ވަށާލައި އަޑުގަދަކޮށް، ޖަލްސާ ކުރިއަށް ގެންދިއުމަށްވެސް ހުރަސްއަޅާފައެވެ. މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ، އެފުރުޞަތު ނުދެއްވާނެކަމަށާއި،އެކަން ހުއްޓުވައި ޖަލްސާތައް ކުރިއަށް ގެންދަވާނެކަމަށެވެ.