ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ ފެސްޓިވަލް، "ހުކުރު އުފާ" ފަށައިފި


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިސްލާމީ ފެސްޓިވަލް، "ހުކުރު އުފާ" މިއަދު ފަށައިފިއެވެ. 

އިސްލާމިކް މިނިސްޓްރީއާއި، ފަބްލިކް ސަރވިސް މީޑިއާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ޙަރަކާތަކީ، އެއްއަހަރުގެ މުއްދަތަށް ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދަން ރާވާފައިވާ ދީނީ ބޮޑު ޙަރަކާތެކެވެ. 

"ހުކުރު އުފާ" ޚާއްޞަ ކުރެވިފައިވަނީ އިސްލާމީ ވެއްޓެއްގައި ޢާއިލީ ގުޅުން ބަދަހިކޮށް، އިސްލާމީ ރޫޙް އާލާކުރެވޭނެ މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުމަށެވެ. އިސްލާމީ މަރުކަޒު މައިދާނުގައި ފެސްޓިވަލް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދާއި، ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަޠީފެވެ. ހުކުރު ދުވަހުގެ ހަވީރާއި، ރޭގަނޑު ކުރިއަށްދާ " ހުކުރު އުފާ" ހިތްއުފާކޮށްލުމުގެ ގިނަ ކަންތައްތަކަކާއި ގައި ދީނީ ގިނަ ކަންތައްތަކެއް ކުރިއަށްގެންދެއެވެ. 

އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދު ވިދާޅުވީ، ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި ޙަރަކާތުގެ ސަބަބުން، ދީނީ ގޮތުން އެނގެންޖެހޭ ގިނަ މައުލޫމާތުތަކާއި، އެއްބައިވަންތަކަށް އާލާވާފަދަ ގިނަ ޙަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ. ޚާއްޞަކޮށް، ފެސްޓިވަލަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް މުޞްޙަފެއް ހަދިޔާކުރުމާއި، ހިލޭ  ޢުމުރާ ދަތުރެއް ލިބުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށެވެ. 

"  ދީނީ ކުޅިވަރުތަށް ކުޑަކުދިންނަށް ކުޅެވޭނެ ގޮތްތަކާއި، ދީނީ މަޢުލޫމާތު ދިނުމާއި، ދީނީ ގޮތުން ސާފުކުރަން ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ވަން ޓު ވަންކޮށް ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮންނާނެ. މި ފެސްޓިވަލަށް ޙާޒިރުވާ ފަރާތްތަކަށް ހިލޭ މުސްހަފެއް ލިބިގެންދާނެ. އަދި ރޭގަނޑު ކުރިއަށްދާ ދަރުސް އަޑުއަހަން ޙާޟިރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުނަގައިގެން ޢުމުރާއަށް ދިޔުމުގެ ފުރުޞަތު ހުޅުވާލެވިފައިވޭ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަކީ މުހިންމު ކެމެއް." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/15018621365940.jpg|"ހުކުރު އުފާ" ފެސްޓިވަލްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ޕީ.އެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ހުކުރު އުފާގެ ޙަރަކާތްތައް ޕީއެސްއެމްގެ އެކި ޗެނަލްތައް މެދުވެރިކޮށްވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދެއްވާނެކަމަށެވެ. މެލޭޝިޔާ، ބުރުނާއީ އަދި ކުވައިތު ފަދަ އިސްލާމީ ޤައުމުތަކުގައިވެސް ވަރަށް ކާމިޔާބު މިފަދަ ފެސްޓިވަލްތައް ބާއްވަމުންދާކަމަށް އިކްރާމް ވިދާޅުވިއެވެ. ރާއްޖޭގައިވެސް ސިލްސިލާކޮށް މިފަދަ ޙަރަކާތެއް ފެށިގެންދިއުމަކީ އިސްލާމީ ޝިޢާރު ފާޅުކުރުމާއި، އިސްލާމް ދީނުގެ ކަންކަމަށް ނަޞްރުދިނުމާއި، އިސްލާމީ މަޢުލޫމާތު ފެތުރުމާއި، އިސްލާމީ ވެށްޓެއްގައި ދިވެހި ރައްޔިތުން އެކުވެރިކަމާއެކު، އެއްބައިވަންތަކަމާއެކީ ގުޅުންތައް ބަދަހިކުރުމަށް ދިވެހި ދައުލަތުން ފަހިކޮށްދެއްވާ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އިކްރާމް ފާހަގަކުރެއްވިއެވެ. 

" މި ފެސްޓިވަލަކީ އިސްލާމީ މާހައުލެއްގައި އިސްލާމީ މެހެފިލެއްގައި ކުރިއަށްދާ ކަމެއް. މިކަމުގެ ބޭނުމަކީ ޢައިލީ ގުޅުން ބަދަހިކޮށް ހުރިހާ ޢައިލާއެއް އުފާ ފާޅުކޮށްލާ ކުޑަކުދިން ކުޅިވަރު ކުޅެލާ މަޖާކޮށްލާ ބައެއް ކަހަލަ ދީނީ މައުލޫމާތު ބަދަލުކޮށްލާ ވިޔަފާރިކޮށްލާ، އެނޫންވެސް އެކި ކަހަލަ ދީނީ ކަންކަމާ މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްލާ ތަނެއް މި މާހައުލަކީ. އިސްލާމްދީނަށް ވުރެ ބޮޑަށް ޢާއިލީ ގުޅުމާއި،  މިފަދަ ޢިޖުތިމާޢީ ކަންތައްތަކަށް ބާރު އަޅާ ދީނެއް ނެތް. " އިކްރާމް ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/15018623790120.jpg|"ހުކުރު އުފާ" ފެސްޓިވަލްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ހުކުރު އުފާގެ ފުރަތަމަ ދުވަހުވެސް ގިނަ އަދަދެއްގެ ބަޔަކު ފެސްޓިވަލަށް ޒިޔާރަތްކޮށްފައިވެއެވެ. 

ހުކުރު އުފާ ފެސްޓިވަލަށް މިއަދު ހަވީރު، އަދި މިރޭ ބާއްވާ ދަރުސްއަށް ދާ މީހުންގެ ތެރެއިން ޤުރުއަތުން ހޮވޭ ފަރާތަކަށް ޢުމުރާ 2 ދަތުރު ހިލޭ ލިބޭ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މިރޭ ދީނީ ދަރުސް ދެއްވާނީ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ދަރުސް ދެއްވާ މައުލޫއަކީ " ފުރާނައަށް ދިރުން ދޭށެވެ. " މި މަޢުޟޫޢެވެ. ހުކުރު އުފާގެ މިރޭގެ ބައިތައްވެސް ޕީ.އެސް.އެމްގެ ބައެއް ޗެނަލްތަކުން ވަގުތުން ދައްކާނެއެވެ. އަދި މިރޭގެ ދަރުސްގެ ތެރެއިން ޢުމުރާ ދަތުރުގެ ގުރުއަތު ނެގުން އޮންނާނެއެވެ.