ޚަބަރު

"ހުކުރު އުފާ" ފެސްޓިވަލަކީ ރައީސް ޔާމީންގެ އަގުހުރި މަސައްކަތެއް!


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ވޭތުވެދިޔަ މުއްދަތުގައި އިސްލާމް ދީނަށް ނަޞްރުދެއްވުމަށްޓަކައި ވަރަށްގިނަ ކަންކަން ކުރައްވަމުންދާކަމަށާއި، ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދޭނެކަމަށް ބުނެ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ހަރުކަށިކަމާއެކު އެވާހަކަ ދައްކާފައިވާ ފުރަތަމަ ވެރިއަކީ އެމަނިކުފާނުކަމަށް، ޕަބްލިކްސަރވިސް މީޑީއާގެ ޑެޕިއުޓީ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

އިކްރާމް މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒާއި، ޕީއެސްއެމް ގުޅިގެން ފެށި ހުކުރު އުފާ އިސްލާމީ ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ. އިކްރާމް ވިދާޅުވީ މިފަދަ އިސްލާމީ ފެސްޓިވަލެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ، ދިވެހިރާއްޖެ އިސްލާމްވީއްސުރެ މިވީ އަށްސަތޭކަ އަހަރުގެ ތާރީޚުގައި ދިވެހިރާއްޖޭގެ އެންމެ މަތީވެރިއަކު ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ނަޞްރު ދެއްވުމަށްޓަކައި ނިންމެވި މުހިންމު ނިންމެވުމެއްކަމުގައި ހިމެނިގެންދާނެކަމަށެވެ. 

އިކްރާމް ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމަޢުގަޔާއި ޕްލެޓްފޯމްތަކުގައި އަޅުގަނޑުމެންނަކީ އިސްލާމީ ޤައުމެކޭ ބުނެ، ދައްކަންވާ ވާހަކަ އެންމެ ހަރުދަނާކަމާއެކު ދައްކަން ކޮންމެވެސް ސަބަބަކާހުރެ އަބަދުވެސް ފަސްޖެހެމުން ދިޔަކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ޒަޢާމަތުގައި މިފަދަ ޕްލެޓްފޯމްތަކުގައި ރާއްޖޭގައި އިސްލާމީ ޝަރީޢަތް ނޫން އެހެން ގޮތަކަށް ޢަމަލު ނުކުރާނެކަމަށް ސާބިތުކަމާއެކު ވިދާޅުވަމުންދާ ކަމަށް އިކްރާމް ފާހަގަކުރެއްވިއެވެ. 

އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ހުރަސްއަޅާ ބަޔަކު އެބަތިބޭކަމަށާއި، ރާއްޖޭގައި އެކި އެކި ކަންކަން އިސްލާމީ ޝަރީއަތާ އެއްގޮތަށް ކުރުމަށް ހުރަސް އަޅާ ބަޔަކު އެބަތިބޭކަމަށާ ދީނުގެ މިނިވަންކަމަށް ގޮވާލާ ހަމަ އެއާއެކު ދިވެހިރާއްޖެއަކީ ހަރުކަށި އިސްލާމީ ފިކުރަށް ވާގިދޭ ބަޔެކޭ ކިޔައިގެން ދުނިޔޭގެ އެތަން މިތަނުގައި އަޑުފަތުރާ ފަރާތްތައްވެސް އުޅޭކަމަށެވެ. އަދި ދީނާ ބައެއް ހިލާފް އަމަލުތައް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުމަށް މަސައްކަތްކުރާ ބަޔަކުއެބަތިބޭ، ޒަމާނުއްސުރެ މިކަންކަން ދިޔައީ ކުރިއަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ޒަޢާމަތުގައި ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އދ.އަށް ވަޑައިގެން ކޮމަންވެލްތައް ވަޑައިގެން ދުނިޔޭގެ އެހެން ޖަމާތްތަކަށް ވަޑައިގެން އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަށް ތަންފީޒުކުރާނެކަމަށް ވިދާޅުވެފައެވެ. 

ދިވެހިރާއްޖޭގައި އިސްލާމީ އުސޫލުތަކަށް ޖާގަ އޮންނާނޭ، ހިއުމަން ރައިޓްސް އޭ ކިޔައިގެން އިސްލާމް ދީނާ ހިލާފް އެއްވެސް ކަމަށް ޖާގަ ނުދެވޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިފަދަ ގޮތަކަށް ބައިނަލް އަޤްވާމީ ޕްލެތް ފޯމެއްގައި މިވާހަކަތައް ދައްކަން ފަށާފައިވަނީ ރައީސް ޔާމީންގެ ޒައާމަތުގައެވެ.

މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ކުރިއެރުވުމާ ހޭލުންތެރިކަން އިތުރުކުރުމާއި، މިސްކިތްތައް ބިނާކުރުމާއި، އިސްލާމިކް ޔުނިވަރސިޓީއެއް އަލަށް ޤާއިމްކުރައްވާ ފުޅާކުރުމާއި، ޤުރުއާން ހިތުދަސްކުރުމާއި، ސްކޫލްތަކުގައި ޤުރުއާން އިލްމުފެތުރުމާއި މިފަދަ އެތައްކަމަކަށް ރައީސް ދެއްވާ ސަމާލުކަން މިއަދު ފެނިގެންދާކަމަށެވެ.