ޚަބަރު

އަސްކަރިއްޔާއިން މިއަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ


މިއަހަރުގެ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތަށް ޤައުމަށް މުހިންމު ތަފާތު މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިޖްތިމާޢީ ޙަރަކާތްތަކުގެ އުސްއަލިތައް ޙިއްޞާކުރުމަށް ކޯސްޓްގާރޑް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ ތެރޭގައި ޤައުމީ ދިފާޢީ ބާރުން ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ އިޖްތިމާޢީ ހަރަކާތަކުގެ މުހިންމުކަން ފާހަގަކުރައްވައި ޑިފެންސް މިނިސްޓަރ ވަނީ އެއީ މިވަގުތަށް ޤައުމަށް ކޮންމެހެން ބޭނުންވެފައިވާ މުހިންމު ޙަރާކާތްތަކެއްކަމަށް ބަޔާންކުރައްވާފައެވެ.

ސިފައިންގެ ޖެނަރަލުންނާއި، ޑިވިޝަންތަކުގެ ކޮމާންޑަރުން ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ދިވެހި ސިފައިންނަކީ އަބަދުވެސް ޤައުމު ބިނާކުރުމުގައި އެއިރެއްގައި ޤައުމަށް އެންމެ ބޭނުންވާ ގޮތުގެ މަތިން މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި މުޖުތަމައަށް ބޭނުންވާ ތަފާތު އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކުމުގެ ހަރަކާތްތަކާއި، ތަފާތު ތަމްރީނުތައް ދެވޭފަދަ ކުޅަދާނަ ޤާބިލު އޮފިސަރުން އެބަތިއްބެވިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި އަސްކަރީޔާގެ ޚިދުމަތް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ދިވެހި ޤައުމަށް ސިފައިން ކޮށްދެއްވާ މިންނެތް މަސައްކަތްކަކީ، ޤައުމުދެކެ ލޯބިވާ ކޮންމެ މީހަކުވެސް އުފާކުރާނެއެވެ. އަދި އެކަމުގެ ސަބަބުން ހިންހަމަޖެހުން ލިބޭނެކަންތައްތަކެއް ކަމަށެވެ.

މިއަހަރުގެ ތެރޭގައި ސިފައިންގެ އެކި އޭރިއާތަކުގައި ހިންގާފައިވާ ޙަރަކާތްތަކަށް ބަލާއިރު، ރަށްތައް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ޢާންމު ފަރާތްތަކާއި، ސްކޫލް ދަރިވަރުން ހިމެނޭހެން ހިންގި އަލިފާންނިއްވުމަށް ހޭލުންތެރިކުރުމުގެ ތަމްރީނުތައް ހިމެނެއެވެ. އަދި ރަށްރަށުގެ ރައްޔިތުން ކުއްލި ޙާލަތްތަކާއި، ކާރިސާތަކުގެ ވަގުތުގައި ކަންކަން ބަލަހައްޓާނެގޮތުގެ ޑްރިލްފަދަ ޙަރަކާތް ހިންގުމާއި، އެކިއެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމްތައްވެސް ހިމެނެއެވެ. މީގެ އިތުރުން ދަސްވާރު ޕްރޮގްރާމްތަކާއި، އެކިއެކި ދާއިރާތަކުގެ ކުރު ކޯސްތައްވެސް ސިފައިން ވަނީ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ. 

މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމްތަކާއި، ނިޔަމިކަމުގެ ކޯސްތަކާއި، ފަސްޓް އެއިޑް ކޯސްތަކަކީ އޭގެ ފައިދާ ގިނަ ރައްޔިތުންތަކަށް ލިބިގެންދިޔަ އަގުހުރި އިޖްތިމާއީ ޚިދުމަތްތަކެކެވެ.

މިގޮތުން ރާއްޖޭގެ ހަތް އަތޮޅެއްގެ 14 ރަށެއްގައި 900 އަށްވުރެ ގިނަ މީހުންނަށް ނިޔަމިކަމުގެ ކޯސްތައް ކޯސްޓްގާރޑުން ވަނީ ހިންގާފައެވެ. ކަނޑުމަތީގެ ތަފާތު ޙާދިސާތަކުގައި ޙާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދީ އެފަދަ ހާދިސާތަކުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ކޯސްޓްގާޑުން ވަނީ، 240 ދިވެހިންނާއި، 111 ބިދޭސީންގެ ފުރާނަ ސަލާމަތްކޮށްދީފައެވެ. އަދި ދިޔަވެ އަޑިއަށް ދިޔުމާއި ފަރަށް އެރުންފަދަ 250 ޙާދިސާއަކަށް ސިފައިން ވަނީ އެހީތެރިވެދީފައިވާކަން ސިފައިން ހާމަކުރި ތަފާސްހިސާބުން ދައްކައެވެ. 

ހަމައެހެންމެ ސްކޫލްދަރިވަރުންގެ ޞިއްޙީ މައްސަލަތައް ދެނެގަތުމުގެ ގޮތުން މިއަހަރުގެ މިހާތަނަށް މާލޭގެ 6 ސްކޫލެއްގެ 677 ދަރިވަރުންގެ ހެލްތްސްރީން އެމް.އެން.ޑީ.އެފް މެޑިކަލްސްއިން ވަނީ ކޮށްފައެވެ.

މިހާރު ސިފައިން ކުރަމުންދާ ޚާއްޞަ ބައެއް މަސައްކަތްތަކުގެ ތެރޭގައި ސަލްޓަން ޕާކްގެ މަސައްކަތާއި، ކުޑަކުދިންގެ ބަގީޗާގެ މަސައްކަތްވެސް ހިމެނެއެވެ.