ޚަބަރު

"ތަރައްޤީ އަންނަމުންދާކަން އިދިކޮޅު ފަރާތްތަކުންވެސް ޤަބޫލުކުރޭ"


ރާއްޖެ ތަރައްޤީވަމުން އަންނަކަން ސިޔާސީ އިދިކޮޅު ހުރިހާ ފަރާތްތަކުންވެސް މިއަދު ޤަބޫލުކުރާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ހުޅުމާލޭގައި އަލަށް ތަރައްޤީކުރި ޕާކް "ފެހިރެސް" އަދި އިޖްތިމާޢީ މަރުކަޒު "ފަހިވެނި" ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިނގާކަމަށާއި، ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްޤީވަމުން އަންނަކަން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކުންވެސް ޤަބޫލުކުރާކަމަށެވެ. އެގޮތުން މުޅިޤައުމުގެ ވަކި ރަށެއް ވަކި ތަނެއް އިސްތިސްނާނެތި މި ސަރުކާރުން ތަރައްޤީކުރަމުން އަންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ހިނގާ އިންވެސްޓްމަންޓްތައް ސަރަޙައްދުގެ އެހެންޤައުމުތަކަށް  މިސާލު ދައްކާކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑު ގަދަކަމަށާއި، ނަމަވެސް ގަދަ އަޑުގެ މައްޗަށް ހިމޭންކަން ކާމިޔާބު ކުރާނެކަން ފާހަގަކުރައްވާ، އިހްލާސްތެރި މަސައްކަތްތައް ކުރުމުގެ ނިޔަތާއި އަޒުމާއެކީ ކާމިޔާބި ހޯދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެވެސް ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ސަލާން ޖަހާ ބައެއްގެ ގޮތުގައި މި ޤައުމު އޮންނަން އެދޭ ބަޔަކުވެސް އުޅޭކަމަށާއި، އެކަމަށް ޖާގަ ނުދޭނެކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެ ތަރައްޤީވަމުންދާ ހަލުވިމިނުން ބޭރުގެ އިންވެސްޓަރުންގެ ސުވާލުތަކަށް ޖަވާބު ލިބެމުން އަންނަކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރަށް ބޮޑެތި ގެންޖެހުންތައް އެބަހުރިކަމަށެވެ. އެހެންނަމަވެސް ގޮންޖެހުންތަކާ އެކުގައިވެސް ކުރާ މަސައްކަތުގެ ނަތީޖާއިން، ދިވެހިންގެ މުސްތަގުބަލު އޮތީ އުފާވެރިކޮށްކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.