ތަރައްްޤީ

ހުކުރު އުފާގެ ނަމުގައި ޚާއްޞަ ޙަރަކާތްތަކެއް ފަށަނީ


ހުކުރު އުފާގެ ނަމުގައި ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ޚާއްޞަ ޙަރަކާތްތަކެއް ހިންގަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މި ޙަރަކާތްތައް ކުރިއަށްގެންދަނީ ޕީއެސްއެމްއާ ގުޅިގެންނެވެ.

ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު ހިންގުމަށް ހަމަޖައްސާފައިވާ ހުކުރު އުފާ ޙަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިވްސްއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ހުކުރު އުފާގެ ޙަރަކާތަކީ އިސްލާމީ ވިސްނުމާއި ފިކުރު ދިވެހި ރައްޔިތުންގެ މެދުގައި އާލާކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ ހަފްތާއަކު ހުކުރު ދުވަހުގެ ހަވީރު 4.30 ރޭގަނޑު ދިހައަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ކުޑަކުދިންނަށް ކުޅެވޭނެ ގޮތްތަކާއި، ދީނީ މަޢުލޫމާތު ދިނުމާއި، ދީނީ ގޮތުން ސާފުކުރަން ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ވަން ޓު ވަންކޮށް ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށްގެންދާނެކަމަށެވެ. އަދި ރޭގަނޑު ޙާއްސަ ދަރުސްއެއް އޮންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހަފުތާގެ ހޮނިހިރު ދުވަހު މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވާއިރު، ޚާއްޞަ ކަންތައްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށެވެ. އެގޮތުން ހަވީރު އަންނަ ޢާންމުންނަށް ހިލޭ މުސްހަފެއް ދެވޭނެކަމަށާއި، ދަރުސް އަޑުއަހަން ޙާޟިރުވާ ފަރާތްތަކުގެ މެދުގައި ޤަރުއަތުނަގައިގެން ޢުމުރާއަށް ދިޔުމުގެ ފުރުޞަތު ދެވޭނެކަމަށެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ޢަބްދުލްލަޠީފް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިޔުމަށް ރާވާފައިވާ ހުކުރު އުފާގެ ޙަރަކާތްތަކުގައި ފަންނީ އެހީ ޕީއެސްއެމުން ދެމުން ގެންދާނެކަމަށް. އަދި ހުކުރު އުފާގެ ޙަރަކާތްތައް ޕީއެސްއެމްގެ އެކި ޗެނަލްތައް މެދުވެރިކޮށް ދައްކަމުން ގެންދާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ޙަރަކާތް ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ކުރިއަށްދާނެކަމަށާއި، އެއްއަހަރު ދުވަހުގެ މުއްދަތަކަށް މި ޙަރަކާތްތައް ކޮންމެ ހުކުރުދުވަހަކު ކުރިއަށް ގެންދާނެކަމަށެވެ.