ތަރައްްޤީ

ހުޅުލޭ ފަޅަށް ވަންނަ ނެރު ވަގުތީގޮތުން ބަންދު ކުރަނީ


ހުޅުލޭ ފަޅަށް އާންމުކޮށް ވަދެ ނުކުމެ އުޅޭ، ހުޅަނގު ދެކުނު ނެރު މިމަހުގެ 6 އިން 16 އަށް ބަންދުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ނިންމައިފިއެވެ.

ނެރު ބަންދުކުރަން ނިންމީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢޫގައި ހިމެނޭ ބިން ހިއްކުމަށްފަހު އެސަރަހައްދުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށް އެމްއޭސީއެލް އިންބުނެއެވެ. އަދި ހުޅުލޭ ދެކުނު ނެރު 10 ދުވަހުގެ މުއްދަތައް ބަންދުކުރަން ނިންމީ، އެ ނެރަކީ އާއްމުކޮށް ބޭނުންކުރާ ނެރަކަށްވާތީ ނެރު ބޭނުންކުރާ އުޅަނދުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި މުއްދަތުގައި ހުޅުލޭ ފަޅަށް ވަނުމަށްޓަކައި ބޭނުންކުރަން ހަމަޖައްސާފައިވަނީ ހުޅަނގު އުތުރު ނެރުކަމަށާއި، އަދި ހުރިހާ އުޅަނދުތައް ހުޅުލޭ ފަޅުން ނުކުތުމަށް ބޭނުންކުރާނީ މެދުގައި އޮންނަ ނެރުކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އާ ރަންވޭ އެޅުމަށް ހުޅުލޭގެ އިރު އުތުރު ފަޅުން ހިއްކާފައިވާ 65 ހެކްޓަރުގެ ބިން ހިމާޔަތްކުރުމަށް ގާތްގަނޑަކަށް 3300 މީޓަރުގެ ޝީޓު ޕައިލް ޖަހާނެއެވެ. އަދި އާ ސީޕްލޭން ޓާރމިނަލް އެޅުމަށް ހިއްކި 18 ހެކްޓަރަށްވުރެ ބޮޑު ބިމުގައި 350 މީޓަރުގެ ޕައިލްކުރާނެއެވެ. މީގެ އިތުރުން ސީޕްލޭން މެއިންޓެނަންސް ފެސިލިޓީސްއަށް ހިއްކި 13 ހެކްޓަރަށްވުރެ ބޮޑު ބިމުގައި 140 މީޓަރުގެ ޝީޓް ޕައިލް ޖަހާނެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޖެޓީ ސަރަހައްދުން ހިއްކި ބިމުގައި 580 މީޓަރުގެ ޝީޓް ޕައިލް ޖަހާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.