ޚަބަރު

"ސަލާމަތީ ބާރުތަކަށް ހުރަސްއެޅޭފަދަ ކަމެއް ކުރުމަކީ ކުށެއް"


ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އެއްވެސްމީހަކު ކޮށްގެން ނުވާނެކަމަށާ، ހުރިހާ ހަމަޔަކުން ބެލިޔަސް އެއީ ބޮޑު ކުށެއްކަމަށް ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓްމިނިސްޓަރު އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ. 

އިލްޔާސް މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީކަންކަން ބަލަހައްޓަމުންދިޔަ ޤައުމީ ދިފާޢީބާރުގެ މީހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ ބަލައިދިނުމަށް ޑިފެންސް މިނިސްޓްރީން ފުލުހުންގެ އިދާރާގައި އެދިފައިވާ ދަނޑިވަޅެއްގައެވެ. 

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސެޓޭޓް މިނިސްޓަރުކަންކޮށްފައިވާ، އަދި ސަރުކާރުގެ އިސް މަގާމުތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި، އިލްޔާސް ހުސެއިން އޭނާގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުކަމުގައިވިޔަސް، އަދި އެހެން އިމްތިޔާޒެއްގެ މީހަކުކަމުގައިވީނަމަވެސް، އެކަކަށްވެސް އަތްއުފުލެވިގެން ނުވާނެކަމަށެވެ. 

އަދި އެއީ ހުރިހާ ހަމަޔަކުން ބެލިޔަސް ބޮޑު ކުށެއްގެ ގޮތުގައި އިލްޔާސްވަނީ ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެފަދަ ޢަމަލުތައް ހިންގައިފިނަމަ އެކަމަށް ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ. މީގެއިތުރުން ސިފައިންގެ ހިތްވަރުގަދަ ލަޝްކަރުގެ މަސައްކަތަށް މަރުޙަބާކިޔައި، ދިވެހި ސިފައިންގެ ލަޝްކަރުގެ އަގުހުރި މަސައްކަތް ދިވެހިން ބަލައިގަންނަކަމަށް ބުނެފައެވެ. 

މިދިޔަ ހޯމްދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ހުރަސްއަޅައި މަޖިލީހުގެ އިދިކޮޅު މެންބަރުން ވަނީ ރިޔާސަތުގައި ހުރި ގޮނޑިކޮޅު މަޖިލީހުގެ ތަޅުމުން ބޭރަށްލައި އިހްތިޖާޖްކޮށްފައެވެ. މިކަމުގެ ތެރޭގައި ހިނގި ހަމަނުޖެހުން ހުއްޓުވުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތައް އެވަގުތު ބެލެހައްޓަމުންދިޔަ ޤައުމީ ދިފާޢީބާރުން ވަނީ މަސައްކަތްކޮށްފައެވެ. 

އެވަގުތު ސޯޝަލް މީޑިއާގައި ދައުރުވި މަޖިލީހުގެ ޗެމްބަރުގެ ތެރޭގެ ފޮޓޯތަކާއި ވީޑިއޯތަކުގައި ސަލާމަތީ ބާރުތަކުން އެފަރާތްތަކުގެ ޒިންމާއަދާކުރަނިކޮށް ބައެއް މެންބަރުން ސިފައިންގެ ވާޖިބަށް ހުރަސް އެޅޭފަދަ ގޮތަކަށް ޢަމަލުކުރަމުންދިޔަ މަންޒަރުވަނީ ފެނިފައެވެ. އަދި ސިފައިންނަށް ޖެއްސުންކޮށް، ސިފައިންގެ ގައިގައި ވަކިއަޅައި ހެދިތަންވެސް ފެނިގެންދިޔައެވެ. 

ދިވެހި ސިފައިންގެ ހިމާޔަތުގައި އިލްޔާސް ހުސައިން، ވަހަކަފުޅުދައްކަވާފައިވާއިރު، މަޖިލީހުގެތެރޭގައި އަމަން ބަލަހައްޓަން މަސައްކަތްކުރި ސިފައިންގެ ވަޖިބުތަކަށް ހުރަސްއެޅި މައްސަލައެއް ބަލައިދިނުމަށް ޑިފެންސް މިނިސްޓްރީން މިހާރުމިވަނީ ފުލުހުންގެ އިދާރާގައި އެދިފައެވެ. އަދި އެމައްސަލަ ބަލަމުންދާކަމަށްވެސް ފުލުހުން މިއަދުވަނީ ހާމަކޮށްފައެވެ.