ދުނިޔެ

ވެނެޒުއޭލާގެ މައްސަލައިގައި އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި


ވެނަޒުއޭލާގެ އިދިކޮޅު ދެ ލީޑަރަކު ހައްޔަރުކޮށްފައިވާތީ އެމެރިކާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފައިމިވަނީ، ގޭ ބަންދުގައި ތިއްބެވި އިދިކޮޅު ދެ ލީޑަރުން ކަމަށްވާ ލިއޮޕޯލްޑޯ ލޯޕޭޒް އާއި އެންތޯނިއޯ ލެޑެޒްމާ ހައްޔަރުކޮށް، އަސްކަރިއްޔާއިން ހިންގާ ޖަލަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ވިދާޅުވީ، އެމެރިކާ ސަރުކާރުން މިމައްސަލަ ގާތުން ބަލަމުންދާކަމަށާއި އެމެރިކާގެ ސިޔާސަތު ތަންދޭ މިންވަރުން އެޅޭނެ ފިޔަވަޅުތައް ބަލަމުންދާ ކަމަށެވެ. މީގެ ތެރޭގައި އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ މަޤާމުން އިސްތިއުފާ ދެއްވުމަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވުންވެސް ހިމެނޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ވެނަޒުއެލާގެ އިދިކޮޅު ދެ ލީޑަރަކު ހައްޔަރުކޮށްފައި މިވަނީ، އެ ޤައުމުގެ ޤާނޫނުއަސާސީ އަލުން އެކުލަވާލާނެ ޚާއްޞަ މަޖިލީހެއް ހޮވުމަށް ބޭއްވި އިންތިޚާބުގެ ތެރޭގައި ހިންގި މުޒާހަރާތަކާ ހަމަނުޖެހުންތަކުގައި 10  މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ. އާއްމުންގެ 80 އިންސައްތަ އަށްވުރެ ގިނަ މީހުން މި އިންތިޚާބުގައި ބައިވެރިނުވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނާނަމަވެސް ރައީސް މަދޫރޯ ސިފަކުރައްވަނީ މި އިންތިޚާބަކީ ކާމިޔާބު އިންތިޚާބެއް ކަމަށެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޝް ވަނީ މިހާރު އެ ޤައުމުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން އިތުރުވެގެން ހިނގައްޖެނަމަ އެގައުމުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އުނދަގޫވާނެކަމުގެ އިންޒާރު ދެއްވާފައެވެ.