ޚަބަރު

އޭޝިޔާގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް!!


މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ހިމެނިއްޖެއެވެ. 

"އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބޭންކް އޮފް މޯލްޑިވްސްއަށް ލިބިފައި މިވަނީ ސިންގަޕޫރުގައި މިއަދު ހެނދުނު އޮތް އެވޯޑް ދިނުމުގެ ރަސްމިއްޔާތެއްގައެވެ.

"އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" އަކީ ބޭންކުން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑެކެވެ. 

img:http://s1.psmnews.mv/images/660x400/15015982280519.jpg|ބީއެމްއެލްއަށް ލިބުނު އެވޯޑާއެކު އެކުންފުނީގެ އިސްވެރިން

ޖަޖުންގެ ޕެނަލުން ފާހަގަކުރި ގޮތުގައި ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ވެފައެވެ.

މި ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިއުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. ބޭންކުގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައިވަނީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އަދި ހެޑް އޮފް ހިޔުމަން ރިސޯސަސް އަހުމަދު އިބްރާހިމްއެވެ.

2016 ވަނަ އަހަރު ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ދޭ "މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް، އިންޑިއަން އޯޝަން އެވޯޑް" ވެސް ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ ލިބިފައެވެ. 

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.